މެންބަރު ޢައްބާސަށް މުސްޠަފާގެ ހޫނު ރައްދެއް: "ރީކޯލް ޤާނޫނު އޮތްނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލޭނީ ޢައްބާސް"
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕްގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވާ ގޮތަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢައްބާސް ދެއްކެވި ވާހަކަތަކަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހިމް، ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މުސްޠަފާ، ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ތައްޕާހުން ގޮނޑިއެއް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ބައިވެރިކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މިއީ، ރައީސްގެ ދަތުރުފުޅެއްގައި ޢައްބާސް ބައިވެރި ނުކުރެއްވުމުން އެކަމާ ހިތްހަމަނުޖެހިގެން ޢައްބާސް ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވުމުގެ ގޮތުން މުސްޠަފާ ވިދާޅުވި ވާހަކައެކެވެ.
"ރައީސްގެ ދަތުރުފުޅުގައި ބައިވެރިނުކޮށް ދާއިރާގެ ތަރައްގީގެ އެތައްކަމެއް ސަރުކާރުން ފެއްޓެވުމުން ރުޅިގަދަވެ އަޅުގަނޑުމެންގެ ބަދަހި ޕީޖީ ގުރޫޕާމެދު އަސްލެއް ނެތް ދޮގު ވާހަކަތައް ދައްކަން ނޫޅުއްވާ، ތިކަމެއް ނުވާނެ،" މުސްޠަފާ ވިދާޅުވިއެވެ.
Ads by BMLމުސްޠަފާގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ، ރައްޔިތުން ޢައްބާސްއާ މެދު ދެކޭ ގޮތް ހާމަކުރެއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުން ވަކިކުރެވޭ "ރީކޯލް" ޤާނޫނެއް އޮތްނަމަ، އެންމެ ފުރަތަމަ ގޮނޑި ގެއްލިވަޑައިގަންނަވާނީ ޢައްބާސް ކަމަށް މުސްޠަފާ ތުހުމަތު ކުރެއްވިއެވެ.
"މިއަދުވެސް ރީކޯލް ޤާނޫނު އޮތްނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލޭނީ 'އޭ މިހިރަ ވެލިދޫ ދާއިރާގެ ޢިއްޒަތުން ބޮޑު ވެރި މީހާ' ޢައްބާސް އަތުން ކަން ރައްޔިތުންގެ މިފަދަ ޕޯސްޓުތަކުން ސާބިތުވޭ،" މުސްޠަފާ ވިދާޅުވިއެވެ.
މިކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޢައްބާސްއަށް ފާޑުކިޔައި ރައްޔިތަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓެއްވެސް މުސްޠަފާ ވަނީ އޭނާގެ ޕޯސްޓާއެކު ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި "ވެލިދޫ ދާއިރާއަށް އިންސާފެއް ނެތް" ކަމަށާއި، ރައްޔިތުންނަށް ފެންނަނީ ހުސް "ފޮނި ވާހަކަ" ކަމަށް ބުނެ ޢައްބާސްއަށް ވަނީ ފާޑުކިޔާފައެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވަނީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ 14 މެމްބަރަކު ވަރަށް އަވަހަށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށް ބުނެ މީޑިއާގައި ހައްސާސީ ވާހަކަތަކެއް ދައްކަވާފައެވެ. އައްބާސްގެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެޖޯރިޓީ މެމްބަރުން ވަނީ އެވާހަކަތަކަށް ދޮގުކޮށް އައްބާސާ ދެކޮޅަށް ނުކުންނަވާފައެވެ
Ads by MACL
