ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިއެސްއަށް ތާއީދުކޮށް، ހަމަލާއަކަށް ރޭވި ތިން މީހަކަށް ޓެރަރިޒަމްގެ ދައުވާކޮށްފި

ފުލުހުންނާއި ސިފައިން މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަންގެ ތެރެއިން --
ފުލުހުންނާއި ސިފައިން މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަންގެ ތެރެއިން --

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއަށް ތާއީދުކޮށް، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. އެއީ މިދިޔަ މާޗް މަހު، ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި ކައުންޓަ-ޓެރަރިޒަމްގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބައެކެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. މަރަދޫ ފިނިފެންމާގެ، އިބްރާހީމް ވިސާމް، ގދ. ނަޑެއްލާ ހިތަށްފިނިވާގެ، ސައުސަން ރަޝީދު އަދި މ. އެޗީވް، އަބްދުﷲ ހުވައިރިސް ބިން މުހައްމަދުގެ މައްޗަށެވެ.

މި ތިން މީހުންގެ ތެރެއިން އެންމެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނީ ހުވައިރިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމާއި، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތް ކުރުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުން ގެންގުޅުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް 17-20 އަހަރާއި، 10-15 އަހަރާއި، އަދި 1-3 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް އަންނާނެއެވެ.

ވިސާމްގެ މައްޗަށް އުފުލާފައިވަނީ ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ. އަދި ސައުސަންގެ މައްޗަށް އެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން އަންގައިދޭ ލިޔުން ގެންގުޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވެއްޖެނަމަ 5-7 އަހަރާ ދެމެދުގެ ހުކުމެއް އަންނައިރު، ޓެރަރިޒަމަށް ތާއީދުކުރާ ލިޔުން ގެންގުޅުމުގެ ކުށަށް 1-3 އަހަރާ ދެމެދުގެ ހުކުމެއް އާދެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ތިންވަނަ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މާޗް މަހު ފުލުހުންނާއި ސިފައިން ގުޅިގެން މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ފާސްކޮށްގެން ހިންގި "ގައުމީ ސަލާމަތާބެހޭ އޮޕަރޭޝަން" ގައެވެ. އެއިރު، އޮޕަރޭޝަނާ ގުޅޭ ތަފްސީލުތަކެއް އަދި ހައްޔަރުކުރި މީހުންގެ ވަނަވަރެއްވެސް ސަލާމަތީ ބާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.