ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީ ޕީޖީ ގްރޫޕް މި ދައުރު ނިންމާނީ ސުޕަރމެޖޯރިޓީއާއެކު: މުއާޒް

ޕީއެންސީ ޕީޖީ ގްރޫޕް މި ދައުރު ނިންމާނީ ސުޕަރމެޖޯރިޓީއާއެކު: މުއާޒް

ޕީއެންސީ ޕީޖީ ގްރޫޕް މި ދައުރު ނިންމާނީ ސުޕަރމެޖޯރިޓީއާއެކީ ކަމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުއާޒް ހަލީމް ވިދާޅުވެއްޖެއެވެ. 

ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ޕާޓީ ދޫކޮށްލައްވާނެ ކަމުގެ އުންމީދުގައި ތިއްބެވި ބޭފުޅުންނަށް ރައްދު ދެއްވާ، މުއާޒް ވިދާޅުވީ، އެ ޕާޓީގެ ޕީޖީ ގްރޫޕް މި ދައުރު ނިންމާނީ މަޖިލީހުގެ ސުޕަރމެޖޯރިޓީއާއެކު ކަމަށެވެ.

މުއާޒް މިހެން ވިދާޅުވީ، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވާ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް ޕާޓީ ދޫކޮށް ދާން އުޅޭ ވާހަކައަކީ އައްބާސަށް ފެނިވަޑައިގަންނަވާ ނުވަތަ ބަޔަކު ދައްކާ "ބިލާހެއް" ކަމަށެވެ.

މުއާޒް ވަނީ އައްބާސަށް ނިސްބަތްކުރައްވާ، އޭނާ މިވަގުތު ހުންނެވީ ކޮންމެވެސް ނުރުހުމެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، މެމްބަރުން ޕާޓީ ބަދަލުކުރުން ފަދަ ކަންކަން ހިނގީ، ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ފިރުކި އުޅުނު ދުވަސްވަރު ކަމަށާއި، މިހާރު އެ ނިޒާމަށް ދިވެހިން ވަރަށް ބޮޑަށް އަހުލުވެރިވެފައިވާ ކަމަށެވެ.

"އިނގިރޭސި މުހާވިރާއެއް އޮވޭ ނޫންތޯއެވެ : 'the grass is always greener on the other side'. ނޫނެކެވެ. މަނިކުފާނެވެ. މިއީ ހީވާ ހީވުމަކަށް ނިސްބަތް ކުރެވޭ ބުނުމެކެވެ. އެފަޅިއަށް ގޮސް މިފަޅި ބެލީމާ ފެހިކަން އަދި ވަކީން ގަދަ ވާނެކަން މިއަދު އެންމެން ދަނެއެވެ،" މުއާޒްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވަނީ ޕީއެންސީ ޕީޖީ ގްރޫޕްގެ އެއްބައިވަންތަކަން ވަރަށް ވަރުގަދަ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އުންމީދެއް ކުރެއްވުމަކުން މައްސަލައެއް ނެތެވެ. އެހެނަސް ޔަޤީންކަން އަރުވަމެވެ. ޕީއެންސީގެ ޕީޖީ ގްރޫޕް މިދައުރު ނިންމާނީ އިރާދަކުރެއްވިއްޔާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތްގޮތަށް އޮވެގެންނެވެ. ރަނގަޅު ކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެއެވެ. ތެޅިފޮޅި ނުގަންނާށެވެ،" އައްބާސަށް މުޚާޠަބު ކުރައްވާ މުއާޒް ވިދާޅުވިއެވެ.

މުއާޒް މިފަދައިން ވިދާޅުވެފައިވާއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ވަނީ ސުޕަރމެޖޯރިޓީއަކާއެކު 75 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ ރާއްޖޭގެ މަލްޓިޕާޓީ ނިޒާމުގެ ހަޔާތުގައި އެއް ޕާޓީއަކަށް މިހާ ބޮޑު ތާއީދެއް ލިބުނު ފުރަތަމަ ފަހަރެވެ.