އިންތިޚާބަށްޓަކައި ބޭނުން ބަޔަކަށް ބިން ދިނުމަކީ ކައުންސިލްތަކުން ބާރުގެ ނަހަމަ ބޭނުންކުރުން: މުހައްމަދު އިސްމާއީލް
އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ބައެއް ކައުންސިލްތަކުން އެ ރަށެއްގެ އެންމެ އަގުބޮޑު ބިންތައް ބޭނުންވާ ބަޔަކަށް ލިބޭނެހެން އިންތިޒާމުތައް ހަމަޖައްސަމުންދާކަމީ ބާރުގެ ނަހަމަ ބޭނުންކުރުންކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެ، އޭނާ ވަނީ ބައެއް ކައުންސިލްތަކަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވާފައެވެ.
މެންދުރު ޓީވީގެ "ޖަވާބުދާރީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކައުންސިލްތަކުން އަލުން އިންތިޚާބުވުމުގެ ބޭނުމުގައި، ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރަމުންދާ ކަމަށެވެ. އެގޮތުން ބިމާބެހޭ ޤާނޫނާ ޚިލާފަށް، ކައުންސިލަރުން ދޭން ބޭނުންވާ ފަރާތްތަކަށް ބިޑު ކާމިޔާބުވާނެހެން ފަސޭހަކޮށްދީގެން ބިން ދޫކުރުމުގެ ކަންކަން ހިންގާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެބާރުތައް ލާމަރުކަޒީ ޤާނޫނުން އެ ބޭފުޅުންނަށް އޮތްނަމަވެސް އެ ބާރުތައް މިސްޔޫޒްކޮށްގެން ނުވާނެ... އިތުރު ދައުރެއް ހޯދުމަށްޓަކައި... އެ ބޭފުޅުން ބިޑް ހުށަހަޅާއިރުގައި އެ ބޭފުޅުން ދޭން ބޭނުންވާ މީހުންނަށް ސެޓްވާގޮތަށް ހުޅުވާލައިގެން އެބޭފުޅުން އެކަން އެބަކުރޭ،" މަޖިލީހުން އަލަށް ފާސްކުރި ލާމަރުކަޒީ ޤާނޫނުގެ އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހައްމަދު ވިދާޅުވިއެވެ.
Ads by BMLމެމްބަރު ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބާރުތަކެއް ލިބިދީފައި އޮތުމުގެ މާނައަކީ ކުދި ސަރުކާރުތަކެއްގެ ގޮތުގައި އަމިއްލައަށް ކަންކަން ނިންމުން ނޫނެވެ. އޭގެ ބަދަލުގައި، ޤާނޫނުގެ ހަޤީޤީ މަޤްސަދަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، ރަށުގެ އެންމެންގެ ކުރިއެރުމަށް މަސައްކަތް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަން ޚާއްޞަކޮށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ފެންނަމުންދާ ކަމަށާއި، ކައުންސިލްގެ ބަޖެޓުވެސް ބޭނުންކުރަނީ އެއްވެސް ތަފާތުކުރުމެއްނެތި މުޅި ރަށުގެ ރައްޔިތުންގެ މަންފާއަށް ވާންޖެހޭނެ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ކައުންސިލަރުންގެ އަމިއްލަ ފައިދާއަށް ކަންކަން ކުރުމުގެ ފުރުސަތު ބަންދުކޮށް، މުޅި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ޚިދުމަތްކުރާ ހަރުދަނާ ނިޒާމަކަށް ހެދުންކަމަށް މުހައްމަދު އިސްމާއީލް ވަނީ ފާހަގަކުރައްވާފައެވެ.
Ads by MACL
