ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަރަންޓު ކެނޑުނު ވަގުތު ތެލަސީމިއާ ސެންޓަރުގައި ލޭ އެޅުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވުނު : ހަލީމް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް. ފޮޓޯ: ސޯޝަލް މީޑިއާ
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް. ފޮޓޯ: ސޯޝަލް މީޑިއާ

މިއަދު ހެނދުނު މާލެ އާއި ހުޅުމާލެއަށް ކަރަންޓު ކެނޑުނު ވަގުތު ތެލަސީމިއާ ސެންޓަރުގައި ލޭ އެޅުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވުނު ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެެވެ.

އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވެފައިވަނީ އެވަގުތު ސެންޓަރަށް ކަރަންޓު ލިބެމުންދިޔައީ ސްޓެލްކޯއިން ކަމަށާއި، ކަރަންޓު ކެނޑުމާއެކު  ވަގުތުން ބެކަޕް ޕަވަރ އެކްޓިވޭޓް ކުރެވުނު ކަމަށެވެ.

"ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑިފައެއް ނުވޭ. ކަރަންޓު ކެނޑިފައިވާ ވަގުތު ކްރޮސް މެޗިންގ ގާތްގަނޑަކަށް 5 މިނެޓަށް މެދުކަނޑާލަން ޖެހުނު. ރައްކާކޮށްފައި ހުރި ލެއަށް އެއްވެސް ވަރަކަށް ކޮމްޕްރޮމައިސް ނުވޭ،" ޙަލީމް ވިދާޅުވިއެވެ.

މީގެ އިތުރަށް ހަަލީމް އެދިވަޑައިގަތީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުމުން މީޑިއާތަކުން ދުރުހެލިވުމަށެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ ހެނދުނު ކަރަންޓު ކެނޑުމާ ގުޅިގެން އޮންލައިންގައި ކަންބޮޑުވުންތަކެއް ފާޅުކުރެވުމާ ގުޅިގެންނެވެ. ސްޓެލްކޯއިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި މިހާރު ވަނީ އެކަން ފުރިހަމައަށް ޙައްލުކުރެވިފައެވެ.