ތުރުކީން ހަދިޔާކުރި 'މިސައިލް ބޯޓު' ރާއްޖެ ގެނެސްފި
ތުރުކީ ނޭވީގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމަށްފަހު ރިޓަޔާކޮށްފައިވާ، 44 އަހަރުވީ މިސައިލް ބޯޓެއް އެ ގައުމުގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރުމަށްފަހު، އެ އުޅަނދު މިހާރު ރާއްޖެ ގެނެސްފިއެވެ.
"ޓީސީޖީ ވޮލްކަން (ޕީ-343)" ގެ ނަން ދީފައިވާ މި މަނަވަރަކީ، ޚިދުމަތުގައި 43 އަހަރު ވުމުން، މިދިޔަ އަހަރުން ފެށިގެން ތަމްރީނުތަކަށް ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ތުރުކީން ބޭނުންކުރަމުން އައި އުޅަނދެކެވެ.
ދިވެހި ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށްވާ، ކޯސްޓްގާޑުގެ ގާބިލުކަން ދެގުނަ ކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މި މަނަވަރު ހޯދާފައިވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ އެއްބަސްވުމެއްގެ ދަށުންނެވެ.
Ads by BMLއެނގިފައިވާ ގޮތުގައި، ޖަރުމަނުގެ ލާރްސަން ވާފްޓުން ފަރުމާކޮށްފައިވާ 'ޑޯގަން' ކްލާހުގެ މި މަނަވަރު ރާއްޖެ ގެނެސްފައިވަނީ، ބޮޑެތި ކަނޑު އުޅަނދުފަހަރު އުފުލާ ޚާއްސަ "ބްރޭކް ބަލްކް ކެރިއާ"އެއްގައެވެ. ތުރުކީ ނޭވީއަށް 1981 ވަނަ އަހަރު ޚިދުމަތަށް ނެރުނު މި އުޅަނދު އޮޕަރޭޓު ކުރުމުގެ ތަމްރީނުތައް ދިވެހި ސިފައިން ވަނީ ތުރުކީގައި ފުރިހަމަކޮށްފައެވެ.
ތުރުކީގެ އަސްކަރިއްޔާގެ ގަވާއިދުތައް ބުނާ ގޮތުން، އެ ގައުމުގެ ނޭވީގައި ބޭނުންކުރާ އަސްކަރީ މަނަވަރުތައް ޚިދުމަތުން ރިޓަޔާކުރަނީ 40 އަހަރު ވުމުން، ފަސް އަހަރުގެ ތެރޭގައެވެ. އެއީ ކަނޑު އުޅަނދުފަހަރުގެ އޮޕަރޭޝަނަލް މުއްދަތު ކަނޑައެޅުމަށް ގެންގުޅޭ އުސޫލެކެވެ.
Ads by MACL
