ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އެމްއެމްއޭއިން ލަފާކޮށްފި

އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އެމްއެމްއޭއިން ލަފާކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އެންމެ ފަހުގެ ފޯކާސްޓް ރިޕޯޓުގައި، އަންނަ 2026 ވަނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފިއެވެ. މިއީ މި އަހަރު، 2025 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ 2.2 މިލިއަން ފަތުރުވެރިންގެ އަމާޒަށްވުރެ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ފަތުރުވެރިން އައުން %9.1 އިން އިތުރުވެފައިވެއެވެ.

ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,108,130 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 6,892,533 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %1.2 ގެ އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ މި ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލްގެ މަސައްކަތެވެ. އެ ޓަރމިނަލްގެ ހުރިހާ ޚިދުމަތެއް ބޭނުންކުރަން ފެށުމުން ލިބޭނެ ހެޔޮ އަސަރު، ފަތުރުވެރިންގެ އަދަދުން އެންމެ ބޮޑަށް ފެންނާނެކަމަށް ބެލެވެނީ 2026 ވަނަ އަހަރުގައި ކަމަށްވެސް އެމްއެމްއޭގެ ފޯކާސްޓްގައި ފާހަގަކޮށްފައި ވެއެވެ.