އުމްރާވެރިންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ފުރަން ތައްޔާރުވެއްޖެ
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސްތިބި ދިވެހި އުމްރާވެރިން ގޮވައިގެން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކޮށް، އެ ފްލައިޓު މިހާރު ފުރުމަށް ތައްޔާރުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ސައުދީ ގަޑިން މިއަދު މެންދުރުފަހު 15:45 ގައި ފުރަން ތާވަލުކޮށްފައި އޮތް ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ލަސްވީ ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ހައްލުކޮށް، ސައުދީ ގަޑިން އިރުއޮއްސި 18:30 ގައި ފްލައިޓު ފުރާނެ ކަމުގެ ޔަގީންކަން ޝަކީލް ދެއްވިއެވެ.
ފްލައިޓު ލަސްވުމުގެ ސަބަބުން އުމްރާވެރިންނަށް އެއްވެސް ދަތިކަމެއް ވެފައިވޭތޯ ސުވާލުކުރުމުން ޝަކީލް ވިދާޅުވީ، "ޖުމްލަ ގޮތެއްގައި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު" ކަމަށާއި، އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް ކަމަށެވެ.
Ads by BML
Ads by MACL
