ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުރަތަމަ 6 މަސްތެރޭ ވީއައިއޭއިން 4.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފި

ވީއައިއޭ އަށް ފުރަންގޮސް ތިބި ދިވެހިންތަކެއް -- ފޮޓޯ: ޕީއެސްއެމް
ވީއައިއޭ އަށް ފުރަންގޮސް ތިބި ދިވެހިންތަކެއް -- ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 4.1 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދީފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހުގެ ނިޔަލަށް ޖުމްލަ 4,108,845 ފަސެންޖަރުންނަށް ޚިދުމަތްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަދަދުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ބައިނަލްއަޤްވާމީ ދަތުރުތައް ކުރި ފަސެންޖަރުންނެވެ. އެގޮތުން 2,669,969 ފަސެންޖަރުން ބައިނަލްއަޤްވާމީ ދަތުރުތައް ކޮށްފައިވެއެވެ. މީގެ އިތުރުން ސީޕްލޭންގައި 859,797 ފަސެންޖަރުން ދަތުރުކޮށްފައިވާއިރު، އެތެރޭގެ އުދުހުންތަކުގައި 579,079 ފަސެންޖަރުން ވަނީ ވީއައިއޭ ބޭނުންކޮށްފައެވެ.

ފަސެންޖަރުންގެ އަދަދެކޭ އެއްފަދައިން، އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓްސްއަށްވެސް ވަނީ ކުރިއެރުން އައިސްފައެވެ. ފާއިތުވި ހަ މަސްދުވަހު ޖުމްލަ 124,665 މޫވްމަންޓްސް ރެކޯޑްކުރެވިފައިވާއިރު، މިއީ ހަތް އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި 17,614 ބައިނަލްއަޤްވާމީ ދަތުރާއި، 14,110 އެތެރޭގެ ދަތުރު އަދި 92,941 ސީޕްލޭންގެ ދަތުރު ހިމެނެއެވެ.

އެމްއޭސީއެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަސެންޖަރުން ވީއައިއޭއިން ޚިދުމަތް ހޯދާފައިވަނީ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހު 26,658 ފަސެންޖަރުން ދަތުރުކޮށްފައިވެއެވެ. ސީޕްލޭންގެ އެންމެ ބާރުބޮޑު ދުވަހަކަށްވެފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަސް ކަމަށާއި، އެ ދުވަހު 7,439 ފަސެންޖަރުން ދަތުރުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ވީއައިއޭގެ ކުރިއެރުމާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ އައު ޓާމިނަލްވެސް ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާފައެވެ. އަހަރަކު ހަތް މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލާއެކު، ވީއައިއޭގެ ކެޕޭސިޓީ ވަނީ އިތުރުވެ، ކުރިއަށް އޮތްތަނުގައި މިފަދަ ބޮޑެތި އަދަދުތަކަށް ޚިދުމަތް ދިނުމަށް އެއާޕޯޓް ވަނީ އިތުރަށް ތައްޔާރުވެފައެވެ.