ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުރިހާ ރަށަކަށް 2027ގެ ނިޔަލަށް ފެނާއި ނަރުދަމާ: ސަރުކާރުން ޔަޤީންކަން ދީފި

ލ.ގަމު ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ނިމިފައި / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ލ.ގަމު ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ނިމިފައި / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.

މިކަމުގެ ޔަޤީންކަން ދެއްވީ، މި އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން، އެ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުޞްޠަފާ ވިދާޅުވީ، މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން މިހާތަނަށް 133 ރަށެއްގައި ފެނުގެ ނިޒާމާއި، 146 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު ވެސް 56 ރަށެއްގައި ފެނުގެ މަސައްކަތާއި 43 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ބޮޑު ބައެއް ހިންގާ ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން 98 ރަށެއްގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޢާރިފް ވިދާޅުވީ، ޤާނޫނީ މުއްދަތުކަމަށްވާ 2027 އަށް ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްތައް ނިމޭނެ ކަމަށާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް 2028 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށެވެ. އޭގެ ތެރޭގައި 2000 އަށްވުރެ ގިނަ އައު ކަނެކްޝަން ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޖުވަދު ވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ ޚިދުމަތް ފެށުމަށް ކަނޑައަޅާފައިވާ މުއްދަތެއް ކަމަށާއި، ރަށެއްގައި ޚިދުމަތް ޤާއިމުވުމަށްފަހު ވެސް، ރަށުގެ އާބާދީއާއި ބޭނުންތަކަށް އަންނަ ބަދަލުތަކާއެކު ޚިދުމަތް އަޕްގްރޭޑް ކުރުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.