ފާއިތުވި 6 މަހުން ބޮޑު ކުރިއެރުމަކާއިއެކު 26 ހާސް ޓަނުގެ ކާގޯ އެމްއޭސީއެލުން އެތެރެކުރި!
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް 34،573 ޓަނުގެ ކާގޯގެ މުއާމަލާތްކޮށް، ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކަމުގެ ހެއްކެކެވެ.
މި މުއްދަތުގެ ތެރޭގައި ހިންގި ކާގޯ މުއާމަލާތްތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އެތެރެކުރި މުދަލެވެ. އެގޮތުން ޖުމްލަ 25،262 ޓަނުގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއީ ގާތްގަނޑަކަށް 26 ހާސް ޓަނެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް 2،432 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ ބޮޑުބައެއްގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.
ވީއައިއޭ ސަރަޙައްދީ ކާގޯ ހަބަކަށް ހެދުމުގެ މަސައްކަތަށްވެސް މި މުއްދަތުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ޓްރާންޝިޕްމަންޓްގެ ގޮތުގައި 6،879 ޓަނުގެ މުދަލުގެ މުއާމަލާތް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި، އެއް ޤައުމުން ވައިގެމަގުން ގެނެސް އަނެއް ޤައުމަށް ވައިގެމަގުން ފޮނުވި "އެއަރ ޓު އެއަރ" ކާގޯގެ ގޮތުގައި 5،621 ޓަނު އަދި ކަނޑުމަގުން ގެނެސް ވައިގެމަގުން ފޮނުވި "ސީ ޓު އެއަރ" ކާގޯގެ ގޮތުގައި 1،258 ޓަނު ހިމެނެއެވެ.
Ads by BMLމި އަދަދުތައް އިތުރުވުމުގެ ފަހަތުގައި ޚާއްޞަ ކާގޯ ފްލައިޓްތަކުން އަދާކުރި ދައުރު ބޮޑެވެ. މި މުއްދަތުގެ ތެރޭގައި އެފްކޮމް ކާގޯއިން އެކަނިވެސް 56 ދަތުރު ބާއްވާފައިވާއިރު، ފްލައި ވާޔޫ އިން 9 ދަތުރު، އަދި ޤަތަރު ކާގޯއާއި އެމްޖެޓްސް ކާގޯ އިން އެއް ދަތުރު ބާއްވާފައިވެއެވެ. ޝެޑިއުލް ފްލައިޓްތަކުން އުފުލި ކާގޯއާއެކު މި އަދަދުތައް އިތުރަށް ބޮޑުވެއެވެ.
ކާގޯގެ ވިޔަފާރި ފުޅާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ވީއައިއޭގައި އަލަށް ޤާއިމުކުރާ ޒަމާނީ ކާގޯ ޓާމިނަލްގެ މަސައްކަތް ނިމުމުން، އަހަރަކު 120،000 ޓަނުގެ މުދާ އުފުލުމުގެ ޤާބިލުކަން ލިބި، ވީއައިއޭގެ ޚިދުމަތްތައް މުޅިން އާ ހަރުފަތަކަށް ވާސިލްވެގެންދާނެއެވެ.
Ads by MACL
