ސަރުކާރުގެ އައިނު ފިހާރައަށް ބޮޑު ތަރުހީބެއް: 10 ދުވަހުން 700 އައިނު
އާންމުންނަށް އަގުބޮޑުކޮށް އައިނު ހައްދަންޖެހޭ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އައިޖީއެމްއެޗުގައި ހުޅުވި ސަރުކާރުގެ އައިނު ފިހާރައިން ފާއިތުވި 10 ދުވަހުގެ ތެރޭގައި 700 މީހަކަށް އައިނު ހަދައިދީފި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ، ފިހާރަ ހުޅުވިތާ ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށާއި، ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ވެއިޓްލިސްޓް ދުވަހެއް ދުވަހަކަށް ދިގުވަމުން އަންނަ ކަމަށެވެ.
ނަމަވެސް، ވެއިޓްލިސްޓް ދިގުވުމުގެ އެއް ސަބަބަކީ އެކަކު ގުޅައިގެން ގިނަ ބައެއްގެ ނަން ނޯޓުކުރުންކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި ޚިދުމަތަށް ނަން ނޯޓުކުރާ ހުރިހާ އެންމެންނަކީ އައިނު ހައްދަން ޖެހޭނެކަމަށް ޑޮކްޓަރު ލަފާދީފައިވާ މީހުން ނޫންކަންވެސް އެނގިފައިވެއެވެ.
Ads by BMLޚިދުމަތަށް އޮތް ބާރު ކުޑަކޮށް، ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މި މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އައިނު ފިހާރައިން ޚިދުމަތް ހޯއްދެވުމަށް ނަން ނޯޓުކުރެއްވުމަށް 3335150 އަށް ގުޅުއްވުމަށް އައިޖީއެމްއެޗުން އެދެއެވެ.
Ads by MACL
