ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތުރުކީން ހަދިޔާކުރި ހަނގުރާމަމަތީ މަނަވަރު އެމްއެންޑީއެފްއިން ކޮމިޝަންކޮށް ހިދުމަތަށް ނެރެނީ!

ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ، "ޓީސީޖީ ވޮލްކަން (ޕީ-343)" -- ފޮޓޯ: އެމްއެންޑީއެފް
ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ، "ޓީސީޖީ ވޮލްކަން (ޕީ-343)" -- ފޮޓޯ: އެމްއެންޑީއެފް

ތުރުކިވިލާތުން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި ހަނގުރާމަމަތީ މަނަވަރު، އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށް ޚިދުމަތަށް ނެރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތަކަށް ތައްޔާރުވާން ފަށައިފިއެވެ. މި ރަސްމިއްޔާތު އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމަށްޓަކައި މަނަވަރު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ރާއްޖެ ގެނެސްފައިވަނީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ، "ޓީސީޖީ ވޮލްކަން (ޕީ-343)" ނަމަކަށް ކިޔާ 45 އަހަރުގެ މަނަވަރެކެވެ. މަނަވަރު ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް ދެ ޤައުމުގެ ދެމެދުގައި މިހާރު ދަނީ ކުރިޔަށެވެ.

މި މަނަވަރު ރާއްޖެއަށް ގެނައުމުގެ ކުރިން، ދިވެހި ސިފައިންގެ ޓީމެއް ވަނީ ތުރުކީއަށް ގޮސް މަނަވަރު ބެލެހެއްޓުމާއި ހިންގުމާ ގުޅޭ ހާއްސަ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށެވެ. އަދި އެ އަމާޒަށް ވާސިލްވުމަށްޓަކައި ރަހްމަތްތެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ސަރުކާރުން މީގެކުރިންވެސް ވަނީ ދިފާޢީ ދާއިރާ ވަރުގަދަކުރުމުގެ ގޮތުން، ބޮޑު ހަރަދެއް ކޮށްގެން އަސްކަރީ އަދި ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންކުރުމަށް ތުރުކީން ދެ ޑްރޯން ގެނެސްފައެވެ.