ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް: އިތުރު ހަތް އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ވީއައިއޭގެ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ކާމިޔާބުކަމާއެކު ބަދަލުކުރުމަށްފަހު، އެ ޓާމިނަލްގެ ޚިދުމަތް ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އިތުރު ހަތް އެއާލައިނެއް އެތަނަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ. އެ ކުންފުނިން ބުނީ، މިކަމާ ގުޅޭގޮތުން ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި އެއާލައިން ޕާޓްނަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި، އެ އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމުގެ އިންތިޒާމުތަކާއި، އެކަން އެންމެ ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފުޅާކުރަމުން ދަނީ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ އިސްކަން ދެނީ، އެވްރެޖްކޮށް 200 އެއްހާ ފަސިންޖަރުން އުފުލާ ނެރޯ-ބޮޑީގެ މަތިންދާބޯޓުތައް ބަދަލުކުރުމަށެވެ. މި މަރުޙަލާ ނިމުމުން، ވައިޑް-ބޮޑީގެ ބޮޑެތި މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތައް ވެސް އާ ޓާމިނަލަށް ބަދަލުކުރެވިގެންދާނެއެވެ.

މި މަހުގެ ތެރޭގައި އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލުން މީގެކުރިން ހާމަކޮށްފައިވާ އެއާލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އަރަބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ. ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި އާ ޓާމިނަލް އެންމެ ފުރަތަމަ ބޭނުންކުރީ ޤައުމީ އެއާލައިން، މޯލްޑިވިއަންއިންނެވެ.

އާ ޓާމިނަލަކީ ޒަމާނީ ޚިދުމަތްތަކާއެކު، ފަސިންޖަރުންނަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. މިގޮތުން، ފުރާ ފަސިންޖަރުންނަށް ޗެކިންވުމަށް 48 ކައުންޓަރު، އިމިގްރޭޝަން ޚިދުމަތްދިނުމަށް ފުރާ ފަޅީގައި 20 ކައުންޓަރާއި އަންނަ ފަޅީގައި 28 ކައުންޓަރު، އަދި ލަގެޖް ނެގުމަށް ކަސްޓަމްސްގެ ހަ ބެލްޓް ޤާއިމުކޮށްފައިވެއެވެ.