ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

3 ދައުރުގެ ވެރިކަން ނިމިއްޖެ، ރައީސް މައުމޫން އަށްފަހު ރަސްމީ ހައިސިއްޔަތުން ކަމަދޫ އަށް ވަޑައިގެންނެވި ރައީސް މުއިއްޒު އެކަނި!

ރައީސް ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް
ރައީސް ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް

ކަމަދޫ ބ. އަތޮޅުގެ ތަރައްޤީގެ ލިސްޓުގެ ފަހަތުގައި އޮތްއޮތުން ނިމުމަކަށްގެނެސް، އެރަށާމެދު އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެތެރެއިން އެއަތޮޅުގެ ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެރަށަށް ވަޑައިގަތީ ރައްޔިތުން ބޭނުންވާ ކަންކަން ބާރު ސްޕީޑުގައި ކުރިއަށްދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭޏުންވާ ސްކޫލެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ދަތުރުފުޅުގެތެރެއިން ސޮއިކުރި ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމާއެކު އެ ސްކޫލަށް ވަސީލަތާއި އިމާރާތުގެ ގޮތުން ޖާގަ ތަނަވަސް އިމާރާތެއް ޤާއިމްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމަދޫއަށް ސީޕްލޭން ފެށުމަށް ހޯކްސް ހޮޓެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިޤްތިޞާދީގޮތުން ކުރިއެރުންތަކެއް ރަށަށްލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ސަމާލުކަމެއްދޭކަމަށް ވިދާޅުވެ ރައީސް ވަނީ، މީގެކުރިން އެއަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ކަމަދޫ އޮންނަނީ ފަހަތުގައިކަން ފާހަގަކުރައްވައި، އެ ތަފާތުކުރުން ނައްތާލައި ކަމަދުއަށް ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެގޮތުން ކަމަދުއަށް ސިއްޙީ ޚިދުމަތުގެ ކުރިއެރުން މުހިންމުކަމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ސިއްޙީ ޚިދުމަތް ތަރައްްޤީކުރުން މުހިންމުވެފައިވާތީ ވަރަށް އަވަހަށް ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް

"ކުރިއަށް އޮތް މަދު ސުވަސްކޮޅެއްތެރޭ ސިއްޙީ މަރުކަޒުގެ ވަސީލަތް އިތުރުކޮށް އަދި ޖާގަ ގޮތުން އޮތް މައްސަލަ ހައްލުކޮށް، ސިއްޙީ ޚިދުމަތް 16 ގަޑިއިރަށް ޚިދުމަތްދިނުމާއެކު މުޅި މައްސަލައަށް ހައްލު ހޯދައިދޭނަން. އަންނަ ސެޕްޓެމްބަރު މަހު ބަޔަކާއެކު ސޮއިކޮށް، ދެމަހެއްހާ ދުވަސްތެރޭ މޮބަލައިޒްކޮށް، ބަޔަކާ ހަވާލުކޮށް މިއަހަރު ނިމުމުގެ ކުރިން މަޝްރޫޢޫ ފެށޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން އެރަށަށް ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކުޅިވަރުޔގެ ވަސީލަތް އިމްކުރުމަށް ބޭނުންވާ ތަކެތި ގެނައުން އެސްޓީއޯއާ ހަވާލުކޮށްފައިވާކަމށެވެ. މިއާއެކު ޓާފް ގެނެވުނުހާއަވަހަށް ފުޓުބޯޅަ ދަނޑު އެޅި ކުޅިވަރުގެ ވަޢޫދުތައް ފުއްދާދެއްވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ކަމަދޫގެ މަގު ހެދުމަށް ނިންމާފައިވާކަންވެސް ފާހަގަކުރައްވާ ވިދާޅުވީ، ކޮންމެ ރަށަކަށް ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުން މުހިންމު ނޫންކަމަށާއި، ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށަށް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުހެދުން މުހިންމުކަމަށް ވިދާޅުވިއެވެ. އެގޮތުން ކަމަދޫގެ ރައްޔިތުން ބޭނުންވަނީ ރަނގަޅަށް ފެންހިންދޭގޮތަށް މަގުތައް ބޭނުންކަމަށްވާތީ އެގޮތަށް އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ބޭނުންވާގޮތަށް އަދި ކުރިއެރުން އަންނާނެގޮތަށް މަގުހެދުން ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެރަށު ބަނދަރުގެ މައްސަލަތައް ހައްލުކުރުން ކުރިއަދާނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުންވެސް ވަރަށް އަވަހަށް ކުރިއަށްގެންގފޮސް ނިންމާދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ތަރުތީބުންކަމަށާއި، ކުރިއަށްދާނެގޮތް ރާވާފައިވާކަަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ކަމަދޫގެ ރައޔްިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް މަޝްރޫޢުތައް ފުރިހަމައަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އައު މިސްކިތެއް ކަމަދޫގައި އަޅަނެކަމަށްވެސް ވިދާޅުިވެފައެވެ، މީގެ އިތުރުންވެސް ތަރައްީގެ މަޝްރޫޢުތައް ކަމަދޫގައި ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށަކަށްވާތީ ކަމަދޫ ކައިރިން ފަޅުރަށެއް ޕިކްނިކް ރަށެއގެ ގޮތުގައި ހަމަޖައްސައިދެއްވާނެކަމަށްވެސް ރައީޫސް ވިދާޅުވިއެވެ. ޚާއްޞަކޮށް އެރަށް ޗާޓުން ބޭރުކޮށްފައި އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމަށާއި، ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.