ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަރަށް ރިސޯޓް ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ، އަނދަނީ

އަލިފާން ރޯވި ވޯޓާ ވިލާ -- ފޮޓޯ: އެމްއެންޑީއެފް
އަލިފާން ރޯވި ވޯޓާ ވިލާ -- ފޮޓޯ: އެމްއެންޑީއެފް

އދ. އަތޮޅުގައި ހިންގަމުން އަންނަ، އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ވިލާ އަނދަމުން އެބަދެއެވެ. އެ ރިސޯޓުގެ ފަޔާ ޓީމުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވަމުން އަންނާއިރު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޓީމެއް ވެސް ވަނީ އެ ރަށަށް މިސްރާބު ޖަހައިފައެވެ.

އެމްއެންޑީއެފާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރުއެވެ. އަދި އެމްއެންޑީއެފްގެ ފަޔާމަނުންގެ ޓީމު މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ، ވޯޓާ ވިލާގައި ރޯވެފައިވާ އަލިފާންގަނޑު ވަރަށް ބޮޑުވެ، ވިލާ އެއްކޮށް އަނދަމުންދާ މަންޒަރެވެ.