ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ކެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ބ. އަތޮޅު ކެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކަށް ސަރުކާރުން ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

ކެންދޫ ކައުންސިލް އިދާރާގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ދެނެގަނެ، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން، ރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، އުޅަނދުފަހަރު މަރާމާތުކޮށް ސިނާއީ މަސައްކަތްތައް ކުރުމަށް ޚާއްޞަ ސަރަޙައްދެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ރަށުގެ ގުދުރަތީ ރީތިކަމަށް އިސްކަންދީގެން މަގު ހެދުމާއި، އިންޖީނުގޭގެ ނެޓްވޯކް އަޕްގްރޭޑްކޮށް، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެދިވަޑައިގެންނެވިއެވެ.

ރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަމަށް ބޭނުންވާ ކަންކަމުގެ ތެރެއިން، ހުއްޓިފައިވާ މިސްކިތުގެ މަސައްކަތް އަލުން ފެށުމަށާއި، ފުޓްބޯޅަ ދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން ލައިޓް ހަރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިފައިވެއެވެ. ހަމައެއާއެކު، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ޚިދުމަތް ދާއިމީކޮށް ހަމަޖައްސަވައިދެއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންކަން ފަރުވާތެރިކަމާއެކު އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންކަމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން ޙައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން މެދުވެރިކުރައްވައި، ކެންދޫގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.