ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފަށައިފި
ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ކުރިއަށްއޮތް ރޯދަ މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް އަތޮޅުތެރޭގެ ރަށްރަށުގައި ބަހަން ފަށައިފިއެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން، ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާ މަސްދަޅު ކޭސްތައް ބަހަން ހދ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު އަލީ ޝަމީމް "ސަރުކާރު" ވެބްސައިޓަށް ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނޮޅިވަރަންފަރާއި ހަނިމާދު އަދި ކުރިނބީގެ ގެތަކަށް މަސްދަޅު ކޭސް ބަހައި މިހާރު ނިންމާފައިވާ ކަމަށެވެ.
މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާގައި މަސްދަޅު ކޭސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Ads by BMLރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.
ހދ. ގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދު ވެސް އެ މަސައްކަތުގައި އުޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބަހަނީ އެސްޓީއޯ އިންނެވެ. އެ މަސައްކަތް ފަށަން އެސްޓީއޯ އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު ބަހަން ފަށާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.
Ads by MACL
