ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.--- ފޮޓޯ: އެމްޓީސީސީ
ތުޅާދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.--- ފޮޓޯ: އެމްޓީސީސީ

ރިޔާސީ ކެމްޕެއިން ދުވަސްވަރު ތުޅާދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކާ އެއްގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތުޅާދޫ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފިއެވެ. އެގޮތުން، ކުރީގެ ސަރުކާރުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް އެއްބަސްވުން ބާތިލުކުރުމަށްފަހު، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ދައުލަތުގެ ކުންފުނި، އެމްޓީސީސީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 570.2 މިލިއަން ރުފިޔާ އެވެ. އަދި މަސައްކަތް ނިންމުމަށް 660 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖަމްޝީދު އެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން، ކޯޑް 3C ފެންވަރުގެ 1،800 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކަށް ބޭނުންވާ 55.4 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތް މީގެކުރިން ހަވާލުކޮށްފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، 2023 ވަނަ އަހަރުގެ ޖުލައި މަހު ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. އެއީ ރިސޯޓު ހަދާނެ ރަށެއް ލިބޭ އުސޫލުން އެ ކުންފުނިން ފަންޑުކޮށްގެން މަސައްކަތް ކުރާ ގޮތަށެވެ. އެ ކުންފުނިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަސައްކަތް ފަށާފައި ވީނަމަވެސް، މަޝްރޫއު އޮތީ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގޮހެވެ.

އެއާޕޯޓުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވައި، ރިޔާސީ ކެމްޕެއިންގެ ތެރޭގައި ތުޅާދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، "ކުރަން ނުކުރަން އުޅޭ އެއާޕޯޓްގެ މަސައްކަތް ކޮށް ނިންމާފައި ދައްކާނަން" ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާނީ ހުސް ވައުދެއް ނޫން ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި، ތުޅާދޫ އެއާޕޯޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ނުވަތަ ރިސޯޓަކުން ވިޔަސް އެންމެ ގިނަވެގެން 30 މިނެޓުން ދެވޭނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގަ ފުޅާކުރުމަށް ހިންގާ މުހިންމު މަޝްރޫއެކެވެ.