ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭދަފުއްޓަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި

އޭދަފުށީ ރައްޔިތުން ރައީސަށް މަރުޙަބާ ދެންނެވުން --
އޭދަފުށީ ރައްޔިތުން ރައީސަށް މަރުޙަބާ ދެންނެވުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެ އަތޮޅުގެ ވެރިކަންކުރާ ރަށް އޭދަފުއްޓަށް ވަޑައިގަތުމާ އެކު، އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް، ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު އޭދަފުށީ ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިއްބެވެ. އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅު ބަނދަރަށް ކައިރިކުރުމާއެކު، ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައިވާ ދޯންޏެއްގައި ތިބި ބަޔަކު ވަނީ ކުރުފަލީގެ ހަރަކާތަކުން މަރުޙަބާގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަށް ފައިބައިވަޑައިގެން، އެއްވެތިބި ރައްޔިތުންނާ ސަލާންކުރައްވާފައެވެ.

މި ދަތުރުފުޅަކީ ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމެވެ.


އެގޮތުން، ފުރަތަމަ ދުވަހު އެމަނިކުފާނު ވަނީ އޭދަފުށީގެ އިތުރުން ކަމަދޫ، ކުޑަރިކިލު އަދި ކެންދޫއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާފައެވެ. އަދި ކޮންމެ ރަށެއްގައި ވެސް ވަނީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބާއްވަވާފައެވެ.


މި ދަތުރުފުޅު މާދަމާއާއި އަނެއް ދުވަހު ވެސް ކުރިއަށްދާނެއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮހަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.