ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބ. އަތޮޅުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ހުވަފެން ހަގީގަތަކަށް: އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އޭދަފުށީގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުން----ފޮޓޯ: މިނިސްޓްރީ
އޭދަފުށީގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުން----ފޮޓޯ: މިނިސްޓްރީ

ބ. އަތޮޅުގެ ރައްޔިތުން ދަތުރުފަތުރުގެ ފަސޭހަގޮތްތަކަކަށް ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހި، އެމްޓީސީސީގެ ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް އެ އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޒަމާނީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން، ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ދެ ލޯންޗު ފެރީ ބޭނުންކޮށްގެން ޚިދުމަތް ދޭނެއެވެ. މިއީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކަށް ލިބުނު މުހިންމު ޙައްލެއް ކަމަށާއި، މިކަމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

މިއަދު މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވި ނަމަވެސް، ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ދަތުރުތައް އަމަލީގޮތުން ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މި ދަތުރުތަކުގެ އަގުތަކުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގެ އިތުރުން، އާރުޓީއެލްގެ މޯބައިލް އެޕްލިކޭޝަނާއި ވެބް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.