އޭދަފުށި އާބަން ސެންޓަރަކަށް: ހައުސިން، ހޮސްޕިޓަލް، އަދި ޔުނިވަރސިޓީ ކެމްޕަސް ހިމެނޭ ގޮތަށް ބޮޑެތި މަޝްރޫޢުތަކެއް ފަށަނީ
ބ. އޭދަފުށި، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން، އެރަށުގައި 1000 ހައުސިން ޔުނިޓް އެޅުމުގެ އިތުރުން ހޮސްޕިޓަލްގެ ޢިމާރާތަކާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުންފަދަ ބޮޑެތި މަޝްރޫޢުތަކެއް ފެށުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ އޭދަފުށީގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެން، އެކަންކަން މި ދައުރުގެ ތެރޭގައި ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އޭދަފުށީގެ ތަރައްޤީގައި އެންމެ މުހިންމު އެއްކަމަކީ ބޯހިޔާވަހިކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. އެއީ މުޅިންވެސް ފީސިބަލް މަޝްރޫޢެއްކަން ފާހަގަކުރައްވައި، މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫޢުގެ ސަބަބުން އޭދަފުށީ ރައްޔިތުންނަށާއި، އެރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން އޭދަފުށި ކުރިއެރުވުމަށްވެސް ސަރުކާރުން ވަނީ މުހިންމު މަޝްރޫޢުތަކެއް ހަވާލުކޮށްފައެވެ. އެގޮތުން އޭދަފުށީ ހޮސްޕިޓަލުގައި އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، އެ ޢިމާރާތާއެކު އާބަން ސެންޓަރަކަށް ބޭނުންވާ ޞިއްޙީ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެއެވެ. ހަމައެއާއެކު، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ޢިލްމީ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.
Ads by BMLމީގެ އިތުރުން އޭދަފުށީގެ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން، މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ތައްޔާރުވެފައިވާކަމަށާއި، ބަނދަރުގައި ހުރި މައްސަލަތައް ހަ މަސް ދުވަހުގެ ތެރޭގައި ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، 1200 މީހުންގެ ޖާގައިގެ، ޒަމާނީ ފެންވަރުގެ 'މަލްޓި-ޕާޕަސް އިންޑޯ ކޮމްޕްލެކްސް'އެއްގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވިއެވެ. މީގެ އިތުރުން، މިއަހަރު ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށް، އަންނަ އަހަރު ކޮންވެންޝަން ސެންޓަރެއް އެޅުމަށްވެސް ވަނީ ރާވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، އިޤްތިޞާދީ ގޮންޖެހުންތަކެއްގެ ސަބަބުން ވެރިކަމުގެ ފުރަތަމަ އަހަރު މަޝްރޫޢުތައް ބޭނުންފުޅުވި ސްޕީޑްގައި ކުރިއަށް ނުގެންދެވުނުކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނާތީ، ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ ތަސައްވުރުގެ ދަށުން، މި ހުރިހާ މަޝްރޫޢުއެއްވެސް ވަކި ތަރުތީބަކުން ކުރިއަށް ގެންގޮސް، ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ.
Ads by MACL
