ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމް.އެން.އައި.އެސް އިން ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް އަމާޒުކޮށްގެން ފަސްޓް އެއިޑް ކޯހެއް ފަށައިފި

ފަސްޓް އެއިޑް ކޯސްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ފަސްޓް އެއިޑް ކޯސްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ( އެމް.އެން.އައި.އެސް) އިން ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް އަމާޒުކޮށްގެން ސްޓޭންޑަޑް ފަސްޓް އެއިޑް ކޯހެއް ފަށައިފިއެވެ.

33 ބައިވެރިންނާއެކުގައި މި ކޯސް ފަށައިފައިވަނީ މިއަދުއެވެ. އެމް.އެން.އައި.އެސް މިއަދު ހިއްސާ ކޮށްފައިވާ ސޯޝަލްމީޑިއާ  ޕޯސްޓެއްގައި ވަނީ މި ކޯސް ފެށިކަން އިއުލާންކޮށްފައެވެ.

ފަސްޓް އެއިޑް ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކޯހުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޝިޔާއު، ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ފަޒްލާ އަދި މުޙައްމަދު މުންތިފް އަޙްމަދެވެ.

އޯގަސްޓް 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާގޮތަށް ހަމަޖެހިފައިވާ މި ކޯހަކީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވޭ ކޯހެކެވެ. މިކޯހުގެ މަޤްޞަދަކީ ފަސްޓް އެއިޑްގެ މުހިންމު މަޢުލޫމާތު އިތުރުކޮށް، ކުޅިވަރާ ގުޅުންހުރި މާޙައުލުތަކުގައި ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ހުނަރު އިތުރަށް ހަރުދަނާކުރުމެވެ.

ކުޅިވަރުގެ މައިދާނުގައި އަވަސް ފަރުވާއަކީ ވަރަށް މުހިންމު އެއްޗެކެވެ.އެއީ ވަގުތުން އަނިޔާތަކަށް ފަރުވާދެވި، އޭގެ ނުރައްކާތެރިކަން ކުޑަކޮށް، އިތުރު ގެއްލުން ލިބުން ހުއްޓުވޭތީއީއެވެ.  ކަށި ބިނދުން، ކެޑުން،ނުވަތަ ސިކުނޑިއަށް ލިބޭ އަނިޔާ ފަދަ ކަންންކަމަށް ދެވޭ އަވަސް ފަރުވާއަކީ ކުޅުންތެރިއާއަށް ލިބޭ ގެއްލުން ކުޑަވުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މީގެއިތުރުން ހިތުގެ ވިންދު ހުއްޓުން ނުވަތަ ހޫނުގަދަވުން ފަދަ ނުރައްކާތެރި ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރެވިދާނެއެވެ. އެހެންކަމުން ކުޅިވަރުގެ މައިދާނުގައި ތަމްރީނު ލިބިފައިވާ މީހުން ތިބުމުން ރައްކާތެރިކަމާއި، އިތުބާރު އިތުރުވެއެވެ.