ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތުޅާދޫ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނަން: ރައީސް

ރައީސް ތުޅާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް
ރައީސް ތުޅާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް

ތުޅާދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކޮށް ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ވިދާޅުވެފައެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ތަރައްޤީއަށް މުހިންމު ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވައި އެ ހުރިހާ ވަޢުދެއް، ފުއްދުމަކީ އެންމެ އިސް ޒިންމާކަމަށް ވިދާޅުވެފައެވެ. އަދި އެއީ މުޅި ސަރުކާރުން ސަމާލުކަން ދީގެން ކުރާކަމެއްކަމަށާއި، އެކި މަޝްރޫޢުތައް ކުރިއަށްދަނީ އެކި ދުވަސްވަރު ފަހިކުރެވޭ މަސައްކަތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތުޅާދޫގެ މަގުހެދުން މިހާރު އާރުޑީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށި ކާމިޔާބުކަމާއެކު ނިންމަވައިދެއްވާނެކަމަށެވެ.

ރައީސްގެ އެއް ވަޢުދަކީ ގެދޮރު ބިނާކުރުންކަމަށާއި، މިދިޔަ ސަރުކާރުގައި ފެށި މަޝްރޫޢުގައި މައްސަލަތަކެއް ހުރެ ކޯޓުން ހުުކުމެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވުމާއެކު އެއަށް ކުރެވޭނެ ކަމެއް ސަރުކާރުގައިވެސް ކައުންސިލުގައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 100 ފްލެޓުގެ އައު މަޝްރޫޢެއް ތުޅާދޫގައި ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެ މަޝްރޫޢު ޓެންޑަރިންއަށް ހުޅުވާލައި ބަޔަކު ކުރިމަތިލާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ތުޅާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

އެ މަޝްރޫޢުގެ ޕޮއިންޓު ދިނުން ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށް ކައުންސިލުން ކަނޑައަޅާގޮތަށް ވުޒާރާއިން ފާސްކޮށްގެންކަމަށެވެ.
މީގެ އިތުރުން ތުޅާދޫގައި އަމިއްލައަށް ބައެއް ފަރާތްތަކުން ހިއްކާފައިވާ 119 ގޯތި އެބައޮތްކަމަށާއި، އެ ގޯތިތައް އަމިއްލަ ކުރުމަށް ހުށައަޅާފައިވާތީ އެކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވަނީ ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން އަދި ކުޅިވަރުގެ ދާއިރާއިންވެސް ވެފައިވާ ވަޢުދުތައް ފުއްދާވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭގެތެރެއިން ގިނަ މަސައްކަތްތައް މިއަހަރު ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރެއް ވަރަށް އަވަހަށް ތުޅާދޫގައި ޤާއިމްވެތިބެ ޚިދުމަތް ދިނުން ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަންނަ އަހަރު ބަޖެޓުގައި މުވައްޒަފުން ހޯދުމާއި ވަސީލަތް ހޯދުންވެސް އެބައޮތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ޕިކްނިކްދާ ރަށަކަށް އެނބޫދޫ ހަމަޖައްސަން ރައްޔިތުން އެދޭކަން ފާހަގަކުރައްވާ ރައީސް ވަނީ އެރަށް އޮތީ ޓޫރިޒަމަށް 21 އަހަރަށް ދީފައިކަމަށެވެ. ވުމާއެކު ދައުލަތަށް ގެއްލުން ނުވާގޮތަށް އެ ރަށް ޕިކްނިކް ރަށަކަށް ކަނޑައަަޅައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.