ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުވަދު އަތޮޅު އުތުރުބުރީގައި ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް“ ހަނދާނީ“ ޑިސެމްބަރުމަހު ގެމަނަފުށީގައި!

ހުވަދު އަތޮޅު އުތުރުބުރީގައި ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް” ހަނދާނީ” ޑިސެމްބަރުމަހު ގެމަނަފުށީގައި!

ހުވަދު އަތޮޅު އުތުރުބުރީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފައިސާގެ އިނާމުތަކަކާއެކު، "ހަނދާނީ" ގެ ނަމުގައި ގުރުއާން ކިޔެވުމުގެ ބޮޑު މުބާރާތެއް އަންނަ ޑިސެމްބަރު މަހު ގއ. ގެމަނަފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަސަދުﷲ ޝިހާބު އިސްނަންގަވައިގެން ބާއްވާ މި މުބާރާތް އަމާޒުކޮށްފައިވަނީ ދާއިރާގެ ތިން ރަށް ކަމަށްވާ ގެމަނަފުށި، ކަނޑުހުޅުދޫ އަދި ދެއްވަދޫއަށެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ކީރިތި ގުރުއާނަށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި، ގައުމީ ފެންވަރުގައި ވާދަކުރެވޭނެފަދަ ހުނަރުވެރި ގާރީންނާއި ހާފިޡުން ދާއިރާގެ ތެރެއިން ދެނެގަތުމެވެ.

މުބާރާތް އިންތިޒާމްކުރާ ކޮމެޓީން ބުނީ، މުބާރާތް ހުޅުވާލާނެ އުމުރުފުރާތަކާއި، ބައިވެރިވުމުގެ ގަވާއިދުތަކާއި އެހެނިހެން މައުލޫމާތު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މުބާރާތުގެ އިންތިޒާމީ ކޮމެޓީގެ އޮފިޝަލަކު 'ޖީލު އޮންލައިން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަކޮށް އިންތިޒާމުކޮށްގެން ބާއްވާ މުބާރާތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މެމްބަރު އަސަދުﷲގެ މިފަދަ އިސްނެންގެވުމަކީ ދާއިރާގެ ރައްޔިތުންނަށް، ހާއްސަކޮށް ދީނީ ކަންކަމަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމުގައި ވާއިރު، އަތޮޅު ފެންވަރުގައި މިފަދަ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ދުރު ރަށްރަށުގައި ތިބި ހުނަރުވެރި ކުދިންނަށް އެކުދިންގެ ގާބިލްކަން ދެއްކުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބަކީ ދާއިރާގެ އިޖުތިމާއީ އަދި ކުޅިވަރު ހަރަކާތްތަކަށް ވެސް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. "ހަނދާނީ" މުބާރާތަކީ އެމަނިކުފާނުގެ އެފަދަ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްޕުޅަށް ވެގެންދާނެއެވެ.