ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފެހެންދޫގެ ޢުމްރާނީ ތަރައްޤީއަށް ހުރި ގޮންޖެހުންތައް ރައީސް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ރައީސް ޑރ. މުޢިއްޒު ފެހެންދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު ފެހެންދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫއަށް ކުރިމަތިވެފައިވާ ޢުމްރާނީ އަދި އިޖްތިމާޢީ ގޮންޖެހުންތައް، ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުދެއްވައިފިއެވެ.

އެރަށު ކައުންސިލާއި ރައީސް ބައްދަލުކުރައްވައި ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަމުގެ ތެރޭގައި، ރަށު ބަނދަރާ ގުޅިފައިވާ ބްރިޖު އަރިއަޅާލައިގެން ހިނގާފާނެ ނުރައްކަލާއި، ރަށްގިރުމުގެ ސަބަބުން ދިމާވަމުންދާ ގޮންޖެހުންތަކުގެ އިތުރުން، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. 

މިކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވީ، އެމަނިކުފާނު ފެހެންދޫއަށް ކުރެއްވި ދަތުރުފުޅުގައި، މިއަދު ފެހެންދޫ ސްކޫލުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުވުމުގައި ފެހެންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އިތުރު ކަންބޮޑުވުންތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި، ރަށުގެ ޒުވާނުންނަށް އަމާޒުކޮށް ޒަމާނީ ވޮލީ ކޯޓެއް ޤާއިމުކުރުމާއި މިހާރު ބޭނުންކުރާ ފުޓްސަލް ދަނޑުގެ ޙާލަތު ރަނގަޅުކުރުމަށް ބިން އެއްވަރުކުރުމުގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން، ރަށުގައި ގެވަޅު ދޫކުރުމަށް ބޭނުންވެފައިވާ މިންވަރާއި، ރަށަށް އައު މިސްކިތެއްގެ ބޭނުންޖެހިފައިވާކަން އަދި އެންމެ އިމާމަކު ހުރުމުން ދީނީ ކަންކަމުގައި ދިމާވާ ދަތިތައްވެސް ވަނީ ކައުންސިލުން ފާހަގަކޮށްފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޙައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްގެންދާ އަދި ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވައިފައެވެ.