ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް، އީއައިއޭ ހެދުމުގެ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފި

ރިސޯޓެއް ހަދަން ފަޅެއް ހިއްކަނީ --
ރިސޯޓެއް ހަދަން ފަޅެއް ހިއްކަނީ --

ސަރުކާރުން އިސްކަންދޭ ގައުމީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހަލުވިކުރުމުގެ މަގުޞަދުގައި، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމުގެ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

ވަގުތީ ގޮތުން ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ގެނެވުނު މި އިސްލާހުތަކުގެ ދަށުން، ކެބިނެޓުން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭއާ މެދު ގޮތެއް ނިންމުމަށް ޚާއްސަ އަވަސް އުސޫލެއް ވަނީ ތައާރަފުކޮށްފައެވެ.

މި އުސޫލުގެ ދަށުން، ކަނޑައެޅޭ ގައުމީ މަޝްރޫއެއްގެ އީއައިއޭ ހުށަހެޅުމުން، ކުރު މުއްދަތެއްގެ ތެރޭގައި އެ ރިޕޯޓު އިވެލުއޭޓްކޮށް ނިންމަން ޖެހޭނެއެވެ. އަދި މިގޮތަށް އަވަސް ޓްރެކުން ރިޕޯޓު މުރާޖިޢާކޮށްދިނުމަށް އެދޭނަމަ، ރިޕޯޓު ބަލައިދޭ ފަރާތްތަކަށް އުޖޫރައިގެ ގޮތުގައި 20،000 ރުފިޔާ ދައްކަންޖެހެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މި ބަދަލުގެ ސަބަބުން އިދާރީ ކަންކަމުގައި ދިމާވާ ލަސްތައް ނައްތާލައި، މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ތިމާވެށީގެ ރައްކާތެރިކަމަށް އިހުމާލުވުމެއް ނެތި، ޕްރޮޖެކްޓްތަކުގެ ފުރޮޅި އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ތިމާވެށި ހިމާޔަތްކުރުމާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން، ތިމާވެށްޓަށް ބަދަލެއް އަތުވެދާނެ ފަދަ ކޮންމެ މަސައްކަތެއް ފެށުމުގެ ކުރިން، އީއައިއޭ ރިޕޯޓެއް ތައްޔާރުކޮށް، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅަންޖެހެއެވެ. އަދި އެ އެޖެންސީގެ ހުއްދަ ލިބުމުން ނޫނީ އެފަދަ މަޝްރޫއުތައް ކުރިއަކަށް ނުގެންދެވޭނެއެވެ.