ފެނަކަގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ޕީޖީން އަލުން އެދިއްޖެ
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓު ދޫނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ކްރިމިނަލް ކޯޓުގައި އަލުން އެދިއްޖެއެވެ. މިކަމަށް އެދިފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެންނެވެ.
ސައީދުގެ ޕާސްޕޯޓު މީގެ ކުރިން ހިފެހެއްޓީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި މެޑިކަލް ޑޮކިއުމަންޓުތަކާ އެކު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ސައީދު އެދިވަޑައިގަތުމުން، ޕީޖީ އޮފީހުން އޭރު 15 ދުވަހުގެ މުއްދަތަށް ޓްރެވަލް ޑޮކިއުމަންޓު ދޫކުރަން ހުއްދަ ދީފައިވެއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު 'ސަން'އަށް ވިދާޅުވީ، މިހާރު ލިބުނު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޕާސްޕޯޓު ދޫނުކުރަން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް، އެ ރިޕޯޓުގެ ތަފުސީލެއް ޝަފީއު ހާމައެއް ނުކުރައްވައެވެ.
Ads by BMLސައީދުގެ މައްޗަށް މިހާރުވެސް ދައުވާކުރަމުންދާ އިރު، ފެނަކައިގެ އެހެން މައްސަލައެއްގައި މިދިޔަ ޑިސެމްބަރު މަހު ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.
މި ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ. އެ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރި ކަމަށް ތުހުމަތުކުރެވެއެވެ.
މިކަމާ ގުޅިގެން ނާޖާއިޒު ފައިދާއެއް ބްލޭޒަން އިންކް ކުންފުންޏަށް ހޯދައިދިންކަމުގެ ތުހުމަތުގައި ސައީދާއި އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.
Ads by MACL
