ބޮޑު ޗުއްޓީ ޑިސެމްބަރަށް: އާ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި
ދިވެހިންގެ ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް ގެނެސް، އަންނަ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ފެށޭ ގޮތަށް ހަމަޖައްސައި، ވަގުތީ އެކަޑަމިކް ކަލަންޑަރު ތަޢުލީމީ ވުޒާރާއިން އާންމުކޮށްފިއެވެ. މި ބަދަލަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިން އޮތް އުސޫލަށް އަނބުރާ ގެންދިއުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.
ޒަމާނުއްސުރެ ސްކޫލުތަކުގެ ބޮޑު ޗުއްޓީއަކީ ޑިސެމްބަރު މަސްކަމުގައި ވީނަމަވެސް، ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވަނީ އެ އުސޫލު ބަދަލުކޮށް، ޖޫން/ޖުލައި މަހަށް ބޮޑު ޗުއްޓީ ދިނުމަށް ނިންމާފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކާ އެއްގޮތަށް، އަދި ގިނަ ބެލެނިވެރިންގެ އެދުމުގެ މަތިން، ދިރާސީ އަހަރު އަލުން ޖެނުއަރީ މަހު ފެށޭ ގޮތަށް މިވަނީ ބަދަލުކޮށްފައެވެ.
އާ ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމް ނިމުމަށްފަހު ޗުއްޓީއެއް ޖުލައި 17 އިން އޯގަސްޓް 1 އަށް ލިބޭނެއެވެ. ދެވަނަ ޓާމްގެ ކިޔެވުން އޯގަސްޓް 2 ގައި ފަށައި، އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ބޮޑު ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 12 ގެ ނިޔަލަށެވެ.
Ads by BMLމި ކަލަންޑަރުގައި އަލަށް ސްކޫލަށް ވަންނަ ދަރިވަރުންނާއި، ސްކޫލު ބަދަލުކުރާ ދަރިވަރުންނަށް ވެސް ވަކި މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އަލަށް ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ޖުލައި 12 އިން އޯގަސްޓް 31 އަށް ހުޅުވާލާފައިވާއިރު، ސްކޫލު ބަދަލުކުރުމަށް ދެ މުއްދަތެއް ދީފައިވެއެވެ. އެއީ މެއި 17 އިން ޖޫން 15 އަށް، އަދި އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އަށެވެ.
މީގެ އިތުރުން ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަސް ފަދަ ޚާއްސަ ދުވަސްތައް އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ. ތަޢުލީމީ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދިރާސީ އަހަރު މެދުތެރެއަށް ބަދަލުކުރުމުގެ ސަބަބުން ދައުލަތަށް 1.5 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ.
Ads by MACL
