ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލް ޕާސްޕޯޓު މަނާކޮށްގެން ރާއްޖެއަށް އަސަރެއް ނުކުރޭ، ކުރީ ފައިދާ: މިނިސްޓަރ ޚަލީލް

ޚާރިޖީ ވަޒީރު. ފޮޓޯ ސޯޝަލް މީޑިއާ
ޚާރިޖީ ވަޒީރު. ފޮޓޯ ސޯޝަލް މީޑިއާ

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކުން ރާއްޖެއަކަށް އަސަރެއް ނުކުރާކަމަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެ ކިތަންމެ ކުޑަނަމަވެސް، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގާ އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޤައުމަކީ ދިވެހިރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ކަމަށެވެ. އަދި އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުން އިސްލާމީ އުއްމަތުގެ ތައުރީފް ވަރަށް ބޮޑަށް ރާއްޖެ ލިބިގެންދިޔަކަމަށްވެސް ވަޒީރު ވިދާޅުވިއެެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާކަމަށާއި، ކުރީ ފައިދާކަމަށެވެ. އެގޮތުން އިސްލާމީ އުއްމަތާއި ގާތްކަން އުފެދުމުގެ އިތުރުން، އިސްލާމީ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެެވެ.

" ހަޤީގަތަކީ އެކަމުގެ (ޕާސްޕޯޓު މަނާކުރުމުގެ) ސަބަބުން އިސްލާމީ އުއްމަތުގެ ވަރަށް ބޮޑަށް ތަޢުރީފު ދިވެހިރާއްޖެއަށް ލިބިގެންދިޔަ. އަަދި އެކަމުގެ ނަތީޖާ މިއަދު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ވިލާތުގެ އެކި ޤައުމުތައްވެސް މިއަދު އެވަނީ ޣައްޒާގެ ދިފާއުގަ، ފަލަސްތީނުގެ ދިފާއުގަ ނުކުމެ އަޑު ހަރުކޮށް ވާހަކަދައްކަން ފަށާފަ. ރާއްޖެއިން ލީޑް ކުރީ. މުޅި މޫވްމެންޓް ލީޑްކުރީ ރާއްޖެއިން. ރާއްޖޭގެ ރައްޔިތުންގެ އެދުމުގެ މަތިން." ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އަބަދުﷲ ޚަލީލް. ފޮޓޯ މަޖިލިސް

އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މި އަހަރުގެ އެޕްރިލްމަހުގެ 15 ވަނަ ދުވަހުއެވެ. އެމަނިކުފާނު މި ބިލު ތަސްދީޤުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.