ސަޢުދީއާ އެކު ގުޅުން ބަދަހިކޮށް، މާލީ އެހީތެރިކަން އިތުރުކޮށްފިން: ޚަލީލް
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ސަޢުދީ ޢަރަބިއްޔާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެވި، އޭގެ ހެޔޮ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަރައްޤީއަށް މުހިންމު މާލީ އެހީތަކެއް ކަށަވަރުވެފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއަކީ އަޚުވަންތަ ގުޅުމެއް އޮންނަ، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި، އެ ގުޅުން މިހާރު އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށެވެ.
އެކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އައު ޓާމިނަލްގެ މަސައްކަތަށް ސަޢުދީ ފަންޑުން ފޯރުކޮށްދިން އެހީތެރިކަމެވެ. އޭނާ ވިދާޅުވީ، އެ މަޝްރޫޢަށް ކުރިމަތިވި މާލީ ދަތިތަކަށް ޙައްލެއް ހޯދުމަށް ކުރީގެ ސަރުކާރަށް ނުކުރެވުނު ކަމެއް މި ސަރުކާރުން ކާމިޔާބުކޮށް، އިތުރު 17 މިލިއަން ޑޮލަރުގެ އެހީ ހޯދުމުގެ އެއްބަސްވުމުގައި މިއަހަރުގެ އޭޕްރީލް މަހު ސޮއިކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ސަޢުދީން 3 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLމި ގުޅުން ވަރުގަދަވެފައިވަނީ ހަމައެކަނި މާލީ އެހީގެ ގޮތުން އެކަންޏެއް ނޫން ކަމަށާއި، ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުންވެސް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުގެ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ރާއްޖޭގެ އިސްވެރިން ސަޢުދީ ޢަރަބިއްޔާއަށް ހަތް ފަހަރެއްގެ މަތިން ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި، މިއީ ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ބޭއްވުނު ހަ ބައްދަލުވުމަށްވުރެ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޙައްޖުގެ އަޅުކަމަށް ކުރެއްވި ދަތުރުފުޅުގައި ސަޢުދީ ވަލީއަޙުދާ ބައްދަލުކުރައްވައި ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެއްވި،" ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އެދޭ ގޮތަށް، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް އިސްކަން ދެއްވައިގެން ކަމަށެވެ. މި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ އެންމެ ވަރުގަދަ އަޑުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރު ޤަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މި ސިޔާސަތުގެ ދަށުން ސަރުކާރުން އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމުގެ ނިންމުން ނިންމެވުމުން، އިސްލާމީ ޤައުމުތަކުގެ އިތުބާރާއި ލޯބި ރާއްޖެއަށް އިތުރުވެގެން ހިނގައްޖެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާކަން ޚަލީލް ފާހަގަކުރެއްވިއެވެ.
Ads by MACL
