ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

’އަލްސަން ދަރިފުޅާ! ތިޔައީ މަންމަޔާ ބައްޕަގެ މުޅި ދުނިޔެ‘: އަޝްފާ

މަރިޔަމް އަޝްފާ----
މަރިޔަމް އަޝްފާ----

މީގެ މަހެއްހާ ކުރިއެވެ. ހިތްތައް ރޮއްވާލީ ސިހުންދެނިވި ޚަބަރަކުންނެވެ. ނޫކަށި ފުރައިގެ އެންމެ 17 އަހަރުގެ ކުއްޖަކު އެކްސިޑެންޓެއްގައި ނިޔާވި ޚަބަރެވެ. ފިލްމީތަރި މަރިޔަމް އަޝްފާ އަދި މުހައްމަދު އަބްދުލްޣަނީ ( ތޭރަވާ )ގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަޝްފާގެ ދުލުން ނަމަ މަންމަ އާއި ބައްޕަގެ މުޅި ދުނިޔެއެވެ. މައި ލަގޮނޑިއަށް ހިނދުކޮޅަކު ވެސް ކެތްނުވާނެކަން ޔަޤީނެވެ.

މިއަދަކީ އެ މަރަށް އެއް މަސް ފުރުނު ދުވަހެވެ. އަޝްފާ ފުރަތަަމަ ފަހަރަށް މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކުރިއެވެ. ”މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް“ މިހެން ވިދާޅުވަމުން އަޝްފާ ހާމަކުރީ މި ހިތާމަވެރި ދަނޑިވަޅުގައި ލުޔެއް ލިބެމުންދަނީ މާތްﷲ އާއި ދަރިފުޅު ދެކެވާ ލޯބީގެ ޙައްޤުގައި ކުރާ ނަމާދާއި، ދުޢާއާއި ޒިކުރުތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ އެހީއާއި މަދަދުން ކަމަށެވެ.

އަލްސަންގެ ޖަނާޒާގެ މަރުޙަލާތަކުގައި އެތައް ބައެއްގެ ބައިވެރިވުން ފާހަގަކުރައްވަމުން އަޝްފާ ވިދާޅުވީ އެކަމަށްޓަކައި މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރައްވާ ކަމަށެވެ. އަދި އެއީ އަލްސަން ދެކެ އެތައް ބަޔަކު ލޯބިވާކަން ހާމަވި ވަގުތުކޮޅެއް ކަމަށްވެސް ވިދާޅުވިއެވެ.

”ދަރިފުޅަކީ މަންމަޔާ ބައްޕަޔަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި އަމާނާތެއް. އަނބުރާ ގެންދެވިފައި ތިޔަވަނީ އެކަލާނގެ ޙަޟްރަތަށް“ މިފަދައިން ވިދާޅުވަމުން އަޝްފާ ވަނީ އަލްސަންގެ ބަރުޒަޚުގެ ދިރިއުޅުން ފާގަތި ވުމަށާއި، ސުވަރުގޭގެ ދާއިމީ ރަޙްމަތާއި ނިޢުމަތުގައި އަލްސަން ލެއްވުމަށް ދުޢާ ކުރައްވާފައެވެ.

އަލްސަންގެ މަންމަ އަޝްފާ އާއި ބައްޕަ ވަނީ ދަރިފުޅާއެކު ސުވަރުގޭގައި ބައްދަލުވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.