އާ ޓާމިނަލުން ހިދުމަތްދޭން ފެށި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނަށް އެއާ އަރަބިއާ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ (ވީއައިއޭ) އާ ޓާމިނަލުން ހިދުމަތްދޭން ފެށި ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނަކަށް އެއަރ އަރަބިއާ ވެއްޖެއެވެ.
މިއަދު އެ އެއާލައިނުން ރާއްޖެއިން ފުރަން އައި ފަސިންޖަރުންނަށް ވަނީ އާ ޓާމިނަލުން ޚިދުމަތް ދީފައެވެ. މިކަން ފާހަގަކުރުމަށްޓަކައި މިއަދު ވަނީ އާ ޓާމިނަލުގައި ރިބަން ކެނޑުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އާ ޓާމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭރު ބުނެފައިވާ ގޮތުގައި، އޮގަސްޓް މަހުގެ ތެރޭގައި އިތުރު ބައިނަލްއަގުވާމީ އެއާލައިންތައް އާ ޓާމިނަލަށް ބަދަލުކުރާނެއެވެ.
Ads by BMLއެއާ އަރަބިއާއަކީ ޔޫއޭއީގެ ބަޖެޓް އެއާލައިނެކެވެ. މި އެއާލައިނުން މިވަގުތު ޝާޖާ އިންޓަރނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު އެއް ދަތުރު ބާއްවައެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ-320 މަރުކާގެ ބޯޓުތަކެވެ.
އެއާ އަރަބިއާއިން ވަނީ ކުރިއަށް އޮތް ޓޫރިޒަމްގެ އެންމެ ފޯރުންގަދަ ސީޒަނާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައެވެ. އެގޮތުން، މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ދެ ދަތުރު އިތުރުކުރާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.
Ads by MACL
