ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުއްގިރި މައްސަލައިގައި ހެކިބަސް ނުދިނީ ޑރ. މުޢިއްޒު އާއި ހެދި ކަމަށް ރައީސް ޔާމީން އަރިހު ދަންނަވާފައެއް ނުވާނެ: ނަރީޝް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަޙްމަދު ނަރީޝް --
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަޙްމަދު ނަރީޝް --

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާކުރާ ފުއްގިރި މައްސަލައިގައި، ހެކިބަސް ދިނުމަށް އުޒުރުވެރިވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒުން ކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީނު ދައްކަވާފައިވާ ވާހަކަތައް، އެ މައްސަލައިގެ ދިފާޢީ ހެކިވެރިއެއްގެ ގޮތުގައި ހިމެނޭ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރެރ އަޙްމަދު ނަރީޝް ދޮގުކުރައްވައިފިއެވެ.

ނަރީޝް ވިދާޅުވީ، ފުއްގިރި މައްސަލައިގައި ހެކިބަސް ދިނުމަށް އުޒުރުވެރިވަނީ ޑރ.މުޢިއްޒު އާއި ހެދި ކަމަށް ރައީސް ޔާމީން އަރިހު އެއްވެސް އިރަކުން ދަންނަވާފައި ނުވާނެ ކަމަށެވެ. ރައީސް މުޢިއްޒުގެ ނަންފުޅު ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަން މަސައްކަތްކުރައްވަނީ ސީދާ ރައީސް ޔާމީން އަމިއްލަފުޅަށް ކަމަށެވެ.

ނަރީޝް މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން "އަދަދު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، އޭނާގެ ދިފާޢީ ހެކިންގެ ގޮތުގައި ތިބި ނަރީޝް އާއި ޝުއާއުﷲ ސަޢީދު ހެކިބަސް ދިނުމަށް ފަސްޖެހުނީ ސަރުކާރުގެ ޕްރެޝަރުން ކަމަށް ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ.

މިކަމަށް ރައްދު ދެއްވައި ނަރީޝް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ޝަރީޢަތަށް ހާޒިރުވެ ހެކިބަސް ނުދެއްވީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އެކަމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. އަދި ހެކިބަސް ދިނުމަށް އެދި ރައީސް ޔާމީން އާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދުވެސް އޭނާއަށް ގުޅުއްވި ކަމަށް ނަރީޝް ހާމަކުރެއްވިއެވެ.

ނަރީޝް ވަނީ ރައީސް ޑރ. މުޢިއްޒު ދިފާޢު ކުރައްވައި، އެމަނިކުފާނަކީ އެފަދަ ކަންކަމަށް ނުފޫޒު ފޯރުއްވާނެ ބޭފުޅެއް ނޫންކަމަށާއި، އެއަށްވުރެ މާ ޤާބިލު ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. "ރައީސް މުއިއްޒަކީ މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާ ބޭފުޅެއް،" ކަމަށް ނަރީޝްގެ ޕޯސްޓުގައިވެއެވެ.

"އަޅުގަނޑު ހެކިބަސް ދޭން އުޒުރުވެރިވީމަ، އެކަން ރައީސް މުއިއްޒުގެ ބޮލަށް އެޅުވުމުގެ ބޭނުމެއް ނެތް. ރައީސް މުއިއްޒުގެ ނަންފުޅު ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަން މަސައްކަތްކުރައްވަނީ ސީދާ ރައީސް ޔާމީން އަމިއްލަފުޅަށް،" ނަރީޝް ވިދާޅުވިއެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން، މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެންގެވި ކަމަށާއި މަނީ ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2022 ޑިސެމްބަރު 25 ގައި ވަނީ ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާޠިލްކޮށް، މައްސަލަ އަލުން ބެލުމަށް އަންގާފައެވެ. ދައުލަތުން ވަނީ ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.