މަސްތުވާތަކެތީގެ ކުށަށް މަރުގެ އަދަބު: ސަރުކާރުގެ މަސައްކަތް ހުއްޓާލަން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ގޮވާލައިފ
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން މަސައްކަތްކުރާ އިސްލާޙުތައް ހުއްޓާލުމަށް، އެމްނެސްޓީ އިންޓަނޭޝަނަލްއާ އެކު، ބައިނަލްއަޤްވާމީ އަދި އެތެރޭގެ ނުވަ ޖަމިއްޔާއަކުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ. މި ޖަމިއްޔާތަކުން ވަނީ ރައްޔިތުންގެ މަޖިލީހުން މި އިސްލާޙުތައް ބަލައިނުގަތުމަށާއި، ރާއްޖޭގައި މަރުގެ އަދަބު އެއްކޮށް އުވާލުމަށް ވެސް ގޮވާލާފައެވެ.
މި ޖަމިއްޔާތަކުން މި ގޮވާލުންތައް އަމާޒުކޮށްފައި މިވަނީ، މަސްތުވާތަކެތީގެ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ހިމެނޭ ގޮތަށް އަދަބުތައް ހަރުކަށި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވާތީ، ކަމާބެހޭ އިދާރާތަކުގެ އިތުރު ލަފަޔާއެކު އެ ބިލް ދިރާސާކުރަން އަންގަވާފައިވާ ކަމަށް ޖުލައި މަހުގެ 30 ވަނަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. އަދި، މި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ފާސްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން އާންމުކޮށްފައިވާ ގުޅިފައިވާ ބަޔާނުގައި، ކޮންމެ ހާލަތެއްގައި ވިޔަސް މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށް ބުނެފައިވެއެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ކުށްތަކަށް މަރުގެ އަދަބު ދިނުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެއީ ދިވެހިރާއްޖެއިން 2006 ވަނަ އަހަރު ބައިވެރިވެފައިވާ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) އާ ޚިލާފު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
Ads by BMLބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަރުގެ އަދަބު އުވާލުމުގެ މަޤްޞަދުގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޤައުމެއްގެ ހައިސިއްޔަތުން، ކުރިން މަރުގެ އަދަބު ނުދޭ ކުށަކަށް އެ އަދަބު ތަޢާރަފުކުރުމަކީ އެއްބަސްވުމުގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ. މިހާރުވެސް ދުނިޔޭގެ 113 ޤައުމަކުން މަރުގެ އަދަބު އުވާލާފައިވާކަން ފާހަގަކޮށް، އެ އަދަބު ދޭ ގިނަ ޤައުމުތަކުންވެސް މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދިނުން ހުއްޓާލާފައިވާކަން އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.
"އަޅުގަނޑުމެން ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ މަރުގެ އަދަބު ދިނުމާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ޚިލާފުވުންތަކަށް ރިޢާޔަތްކޮށް، މަރުގެ އަދަބުގެ ދާއިރާ ފުޅާކުރުމުގެ މަސައްކަތް ހުއްޓާލުމަށް،" ބަޔާނުގައި ވެއެވެ. "އަދި މަރުގެ އަދަބު ހުރިހާ ކުށަކަށް އުވާލައި، މިހާރު މަރުގެ ހުކުމް އިއްވާފައިވާ ހުރިހާ ޙުކުމްތަކެއް ލުއިކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލަން."
މި ބަޔާން ނެރުމުގައި ބައިވެރިވެފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން ހިއުމަން ރައިޓްސް ވޮޗް، އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް)، އަދި ވޯލްޑް ކޮލިޝަން އަގެއިންސްޓް ދަ ޑެތް ޕެނަލްޓީ ފަދަ ޖަމިއްޔާތައް ހިމެނެއެވެ.
Ads by MACL
