ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުނަރުވެރި ލައިބާ، އުމުރުން އެންމެ 12 އަހަރުގައި ސީނައަރ ގައުމީ ޓީމަށް!

ލައިބާ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ ނައިފަރު ބެޑްމިންޓަން އެކަޑަމީ
ލައިބާ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ ނައިފަރު ބެޑްމިންޓަން އެކަޑަމީ

އުމުރުން އެންމެ 12 އަހަރުގައި ލައިބާ އަހުމަދު މަހުލޫފް (އެލީ) ސީނިއަރ ބެޑްމިންޓަން ޓީމުން ޖާގަ ހޯދައިފިއެވެ. ޓީމަށް ލައިބާ ހޮވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލެވިގެން  ބޭއްވުނު ޤައުމީ ސްކޮޑުގެ ޓްރަޔަލްސްގައި ވާދަކޮށްގެނެނެވެ.

މި އޮގަސްޓް މަހުގެ 11 އިން 13 ގެ ނިޔަލަށް ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ ސިލެކްޝަން ޓްރަޔަލްގައި ވަނީ، މާލެ ސިޓީ، ބ. އޭދަފުށި ޅ. ނައިފަރު އަދި އައްޑޫ ސިޓީ ހިމެނޭ ގޮތަށް ދެ ޖިންސުން މުޅިއެކު 50 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައެވެ.


މިއަދު ކުރިއަށްދިޔަ ސިލެކްޝަންގެ ފަހު މެޗުތަކަށްފަހު ލައިބާ ވެގެން ގޮސްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސީނިއާ ސްކޮޑުން އެންމެ ހަގު އުމުރުގައި ޖާގަ ހޯދި އެއް ކުޅުންތެރިޔާ އަށެވެ.


މީގެކުރީން، ލައިބާ ވަނީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރިއަށްދިޔަ ޖޫނިއާ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކާމިޔާބީއަކާއެކު މެޑެލް ހާސިލްކޮށްފައެވެ.


ލައިބާގެ އިތުރުން މި ފަހަރުގެ ޤައުމީ ސްކޮޑުގެ ދެން ހިމެނެނީ؛ ރިވައިވަލް ސްޕޯޓްސް ކްލަބުގެ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤް، އައިމިނަތު ނަބީހާ ޢަބްދުއްރައްޒާޤް، އައިޝަތު އާލިޝާ މޫސާ އާއި ޝުބާ މުޙައްމަދު ޝަރީފް އަދި ޔަލްވީ ހުސެއިން ޒުހުރީ އެވެ.


ފިރިހެން ޓީމުގައި ހިމެނެނީ؛ ރިވައިވަލްގެ ޒަޔާން ހުސެއިން ޝަހީދު ޒަކީ، އަހުމަދު ނިބާލް، ހަސަން ޒަޔާން މުޙައްމަދު އާއި ހައިޝަމް އިބްރާހިމް އަލީ އަދި އާދަމް މަހީން މުޙައްމަދުގެ އިތުރުން ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ އިބްރާހިމް ނާޝިތު ހަމްދީ އެވެ.


މިފަހަރުގެ ޤައުމީ ސިލެކްޝަނުން ހޮވުނު، ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ އަމިއްލަ އެކަޑަމީ އާއި ކްލަބްގެ އިތުރުން ރާއްޖޭން ބޭރުގައި ވެސް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ފުރުޞަތު ވަނީ ދީފައެވެ.