ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް "އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް" ބާވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިމްތިހާނުކުރުމަށް ބާއްވާ "އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)" އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށާއި، ކޮންމެ ދެ އަހަރަކުން އެއް އަހަރު މި ތަމްރީނު ބާއްވަމުން އަންނަ ކަމަށް އެއާޕޯޓް ހިންގާ ކުންފުނިން ބުނެއެވެ.
މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ވީއައިއޭގެ އެމަޖެންސީ ޕްލޭން، ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާތައް (އެސްއޯޕީ) އަދި ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް އޮތީ ކިހާ ވަރަކަށް ތައްޔާރީ ހާލަތުގައިތޯ ބެލުމެވެ.
Ads by BMLމީގެ އިތުރުން، އެކިއެކި މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް، ހަރުދަނާ އުސޫލެއްގައި މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ވަޒަންކުރުންވެސް ހިމެނެއެވެ.
މި ހަރަކާތަކީ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އަދި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ބޭއްވުން ލާޒިމުކުރާ ތަމްރީނެކެވެ.
ވީއައިއޭގައި އެންމެ ފަހުން މިފަދަ ބޮޑު ތަމްރީނެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރުގެ ހަރަކާތުގައި އެއާޕޯޓުގެ އެކި ދާއިރާތަކާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ހިމެނޭހެން 30 މުއައްސަސާއަކުން 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
Ads by MACL
