އުއްޗު ވިދާޅުވިޔަސް ހަގީގަތް ގަބޫލު ކުރަމާ ހިނގާށެވެ. ވެރިކަމުގެ ދައުރު ދަންމާލަންޖެހޭ!
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ވެރިކަމުގެ ދައުރު ފަސް އަހަރަށްވުރެ އިތުރުކުރަން ޖެހޭކަމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން، މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
"ދެނޯ" ނަމަކަށް ކިޔާ ޔޫޓިއުބް ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އުއްޗު ވަނީ މިކަމަކީ ހަގީގަތެއްގެ ގޮތުގައި ގަބޫލުކޮށް، ވެރިކަމުގެ ދައުރު ދަންމާލުމަކީ ޑޮލަރުގެ މައްސަލައަށް އޮތް އެންމެ ބޮޑު ހައްލުކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
އުއްޗު ދެކެވަޑައިގަންނަވާ ގޮތުގައި، ކޮންމެ ވެރިއަކަށްވެސް ވެރިކަން ކުރުމަށް 10 ނުވަތަ 15 އަހަރުގެ މުއްދަތެއް ދޭންޖެހެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަސް އަހަރުގެ ކުރު ދައުރެއްގައި ރައްޔިތުން އެދޭ ކަންކަން "ތެޅިފޮޅިގެން ހާސްކަމެއްގައި" ތަރައްގީކުރުމަށް މަސައްކަތް ކުރުމުން، ވެރިންނަށް އެކަންކަން ހަމަޖެހިލައިގެން ކުރެއްވުމުގެ ފުރުސަތު ނުލިބެއެވެ.
Ads by BMLއުއްޗު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު "ވާރޭ ވެހޭހެން" ޑޮލަރު ލިބޭ އެއް ގައުމަކީ ރާއްޖެ ކަމަށާއި، އެކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ދުރު ދުރުގައި ގާތްގަނޑަކަށް 200 ރަށުގައި މީހުން ދިރިއުޅޭ މިފަދަ ބޮޑު ގައުމެއްގައި، ކޮންމެ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ހަރަދުތަކެއް ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުން ނޫން [ތަރައްގީގެ މަޝްރޫއުތައް] ކުރަނީ. ރައްޔިތުންގެ ލާރީގައި ކުރަނީ،" އުއްޗު ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ފަސް އަހަރުގެ ތެރޭގައި ފުއްދައިދިނުމަށް އޮންނަ ޕްރެޝަރގެ ސަބަބުން، އޭރަކު ހުންނަވާ ވެރިއަކަށް ލޯނު ނަގައިގެންވެސް އެ މަސައްކަތްތައް ކުރަން މަޖުބޫރުވާ ކަމަށް އުއްޗު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުން ނަގާ ލޯނުތަކަކީ ސީދާ ނަގުދު ޑޮލަރުގެ ގޮތުގައި ރާއްޖެއަށް ލިބޭ ފައިސާ ނޫން ކަމަށާއި، އަވައްޓެރި ގައުމުތަކުން ދޭ ލޯނުތަކުގެ ދަށުން ހިންގާ މަޝްރޫއުތަކަށް އެ ގައުމުތަކުގެ މަސައްކަތްތެރިން ރާއްޖެ ގެނެސް، އެމީހުންނަށް ޑޮލަރުން މުސާރަ ދިނުމުން ރާއްޖެއަށް ވަންނަ ޑޮލަރު އަނެއްކާވެސް ބޭރުވެގެންދާ ކަމަށެވެ.
ވެރިކަމުގެ މުއްދަތު ކުރުވުމުން ޑޮލަރަށް އޮންނަ ޑިމާންޑާ އަޅާބަލާއިރު އޭގެ އަގު ދަށްކުރުމަކީ ނާދިރު ކަމެއް ކަމަށް 40 އަހަރު ވަންދެން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވި އުއްޗު ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ދިގު މުއްދަތެއް ވެރިންނަށް ލިބިއްޖެނަމަ، ހަމަޖެހިލައިގެން، ރާވައިގެން މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބި، ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
Ads by MACL
