ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީން ރަށްރަށަށް ދަތުރުތައް ފަށައިފި

ޕީއެންސީގެ ވަފުދު ރަށްރަށަށް ފެއްޓެވި ދަތުރުތައް ---
ޕީއެންސީގެ ވަފުދު ރަށްރަށަށް ފެއްޓެވި ދަތުރުތައް ---

އަންނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސްވެރިން ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވައިފިއެވެ. މި ދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ ޕާޓީގެ ހަރަކާތްތައް ހަރުދަނާކޮށް، އިންތިޚާބަށް އިތުރަށް ތައްޔާރުވުމެވެ.

މި ސިލްސިލާ ދަތުރުތަކުގެ ތެރެއިން، ޕާޓީގެ ޑެޕިއުޓީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް، ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަދި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ނަބީލް ޒަމީލް ހިމެނިވަޑައިގަންނަވާ ވަފުދެއް ވަނީ މަކުނުދޫ ދާއިރާއަށް ޒިޔާރަތްކުރައްވާފައެވެ.

ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުތަކުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ޕާޓީގެ ސްޓިއަރިންގް ކޮމިޓީތަކާއި އާންމު މެމްބަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގައި، ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމާއި، ޕާޓީގެ މަސައްކަތްތަކުގައި އާންމު މެމްބަރުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީން ތައްޔާރީތައް ވަރުގަދަކުރަމުން އަންނައިރު، އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ކުރިއަށް އޮތް އިންތިޚާބުގައިވެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ޔަޤީންކަން މީގެކުރިންވެސް ފާޅުކުރައްވާފައެވެ.