ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤު ކުރައްވައިފިއެވެ. މި އިޞްލާޙުގެ ދަށުން، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި މުހިންމު މާލީ ނިންމުންތައް ނިންމުމަށް ވަކި އުސޫލުތަކެއް ކަނޑައަޅައި، ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުގެ ވިޔަފާރީގެ ދާއިރާ ވަނީ ހަނިކޮށްފައެވެ.

މި އިޞްލާޙު ގެނައުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ޙަރަކާތްތަކަށް ވަކި އިންތަކެއް ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުން، އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރު މާލީ ގޮތުން ޒިންމާދާރު ކުރުވުން ހިމެނެއެވެ.

އަލަށް ގެނެވުނު އިޞްލާޙުގައިވާ ގޮތުން، ކައުންސިލްތަކުން އުފައްދާ ވިޔަފާރި ކުންފުނިތަކުން ހިންގޭނެ ޙަރަކާތްތަކަށް ވަކި ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. އަދި މި ޤާނޫނާ ޚިލާފުވާ ޙަރަކާތްތައް ހިންގާނަމަ، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ ޙަރަކާތްތައް ހުއްޓާލަން ޖެހޭނެއެވެ.

މި އިޞްލާޙުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އެއް ކަމަކީ، ކައުންސިލްތަކުގެ ޢުމުރު ހަމަވުމަށް 365 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ކައުންސިލްގެ ބާރުގެ ދަށުގައިވާ ބިން، ފަޅު، އަދި ފަރު ކުއްޔަށް ދިނުން ފަދަ ކަންކަން ހުއްޓުވުމެވެ. މީގެ އިތުރުން، ތަރައްޤީގެ ޕްލޭންގައި ނުހިމެނޭ އާ މަޝްރޫޢުތައް ފެށޭނީވެސް، މާލީ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ދޫކޮށްފައިވާ ބިން ނުވަތަ ޢިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގޭނެ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކޮށްފައިވަނީ، އޮގަސްޓު މަހުގެ 6 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ގެނެވުނު މުހިންމު އިޞްލާޙުތަކެކެވެ.