ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރު އިއްބެގެ ހަނދާނަށް މިސްކިތެއް، އެހީވުމުގެ ފުރުސަތު ހުޅުވިފައި!

ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރު އިބްރާހިމް އަހްމަދު (އިއްބެ) ގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް، ތިނަދޫގެ "ލޮކާސް" އިން ރޭ އާންމުންގެ އެހީއަށް ހުޅުވާލައިފިއެވެ.

ލޮކާސް އަކީ ތިނަދޫގައި އިޖުތިމާއީ އެކި މަސައްކަތްތައް ކުރާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ނިންމާފައިވަނީ ބަންގްލަދޭޝްގައި 120 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށެވެ. މިސްކިތް ބިނާކުރަނީ 950 އަކަފޫޓުގެ ބިމެއްގައެވެ. މިކަމަށް އެމީހުން ހޯދަނީ 300،000ރ. އެވެ.

ތިނަދޫ ސިޓީއަށް އުފަން އިއްބެގެ ހަނދާނުގައި ބިނާކުރާ މި މިސްކިތަކީ، އޭނާގެ ރަނގަޅު ހަނދާންތައް އާކޮށް، އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ ކަމެއް ކުރުމަށް ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. ލޮކާސް އިން ވަނީ މިކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.

އިއްބެ ގެއްލުނީ، މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ހުވަދޫ ކަނޑަށް އަޑިއަށް ގޮސް ބަންޑުން ޖަހާލި ސަޕްލައި ދޯނި ހާދިސާއާ ގުޅިގެން، ދޯންޏާއި މުދާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ފުލުސް އޮފިސަރަކާއި ދޯނީގެ ދިވެހި ކެޕްޓަން ވެސް ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފުން ކުރިން ވިދާޅުވި ގޮތުގައި ގެއްލުނު ތިން މީހުން ފެނުމުގެ ފުރުސަތު ކުޑައެވެ. ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭތީ، އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނަކަށް ނުވާކަމަށާއި، ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ސަބަބުތަކާ ގުޅިގެން ތިން މީހުން ހޯދުމުގެ އޮޕަރޭޝަން މިހާރު ވަނީ ނިންމާލައިފައެވެ.