އޯޓީޕީ ހޯދައި އީ-ސިމްއަށް ބަދަލުކޮށް ފައިސާ ފޭރޭތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ
އޯޓީޕީ އާއި ވެރިފިކޭޝަން ލިންކުތައް އޮޅުވާލައިގެން ހޯދައި، މީހުންގެ ފޯނު ނަންބަރުތައް އީ-ސިމްއަށް ބަދަލުކޮށްގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އޯޓީޕީ އާއި ވެރިފިކޭޝަން ލިންކުތައް އޮޅުވާލައިގެން ހޯދައި، މީހުންގެ ފޯނު ނަންބަރުތައް އީ-ސިމްއަށް ބަދަލުކޮށްގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން އާންމުކުރި ޚާއްޞަ އިލްތިމާސެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އޮޅުވާލައިގެން އޯޓީޕީ ކޯޑުތައް ހޯދައި، ވިކްޓިމްގެ ފޯނު ނަންބަރު އީ-ސިމްއަކަށް ބަދަލުކޮށްލާ ކަމަށެވެ.
އެއަށްފަހު، ބޭންކް އެކައުންޓުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، ވެރިފަރާތުގެ ހުއްދައަކާ ނުލައި ޑިޖިޓަލް ވޮލެޓްތައް ހަދައިގެން އެކައުންޓުތަކުގައި ހުންނަ ފައިސާ ފޭރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Ads by BMLމިފަދަ މަކަރުވެރި އަމަލުތަކުން ރައްކާތެރިވުމަށްޓަކައި، އެއްވެސް ފަރާތަކާ އޯޓީޕީ ނުވަތަ ޕިން ނަންބަރު ހިއްސާނުކުރުމަށް ފުލުހުން ހަނދާންކޮށްދީފައިވެއެވެ. އަދި ކުއްލިއަކަށް ސިމް ކާޑުން ސިގްނަލް ކެނޑިއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ދިމާވެއްޖެނަމަ، ވަގުތުން ފުލުހުންގެ އެމަޖެންސީ ނަންބަރު 911 އަށާއި މުވާސަލާތީ ޚިދުމަތްދޭ ފަރާތަށް ގުޅައި ރިޕޯޓުކުރުމަށް ފުލުހުން އެދިފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މާލީ ސްކޭމްތައް އިތުރުވެފައިވެއެވެ. މުވާސަލާތީ ކުންފުނިތަކާއި ބޭންކުތަކުގެ ނަމުގައި ގުޅައިގެން އަދި ލިންކުތައް ފޮނުވައިގެން މީހުންގެ ޒާތީ މައުލޫމާތާއި އޯޓީޕީ ހޯދުމުގެ މައްސަލަތައް ވެސް ދަނީ ގިނަވަމުންނެވެ. އެހެންކަމުން، ގޮތްނޭނގޭ ލިންކުތަކަށް ނުފިތުމަށާއި، ފޯނުން ގުޅައިގެން އޯޓީޕީއަށް އެދޭ ފަރާތްތަކަށް އެ މައުލޫމާތު ނުދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް ދަނީ އިރުޝާދު ދެމުންނެވެ.
Ads by MACL
