ޢިމާރާތްތަކެއް ބިނާކުރުމަށްވުރެ، ޤައުމުދެކެ ލޯބިވާ ޒުވާނެއް ބިނާކުރުން މާ މުހިންމު! – ރައީސް
ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި އަދި މައިންބަފައިން ފަޚުރުވެރިވާނެ ފަދަ ޒުވާނެއް ބިނާކުރުމަކީ ޢިމާރާތްތަކެއް ބިނާކުރުމަށްވުރެ މާ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ އަތްލެވޭ ފަދަ ހުރިހާ ޢުމްރާނީ ތަރައްޤީއަކާ އެއްވަރަށް މިންކުރެވޭނެ މުހިންމު ތަރައްޤީއެއް ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ މުޖުތަމަޢަށް ފައިދާވާ، މާނަހުރި ދެމެހެއްޓެނިވި ކަންކަން ކުރުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLޒުވާނުންނާއި މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި:
• ދިވެހި ވަޠަނީ ޚިދުމަތް: މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1،028 ކުދިން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، މިހާރުވެސް 300 އަށްވުރެ ގިނަ ކުދިން ދަނީ ތަމްރީނު ހަދަމުންނެވެ. އަދި މި ސަރުކާރު ދެމިއޮތްހާ ދުވަހަކު، އަހަރަކު މަދުވެގެން 1،000 ކުދިން ތަމްރީނު ކުރަމުންދާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
• ޒުވާން ޚަޠީބުން ބިނާކުރުން: މީގެ ކުރިން ކުރަމުން އައި ކަމަކަށް ނުވި ނަމަވެސް، ސަރުކާރުން ދެއްވި ޚާއްޞަ އިސްކަމުގެ ދަށުން މިހާތަނަށް 717 ޒުވާން ޚަޠީބުން ވަނީ ބިނާކުރެވިފައެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޢަދަދު 1،000 އަށް ގެންދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޒުވާން ޚަޠީބުންނަކީ މުޖުތަމަޢަށް ބޮޑު ދަރުމައެއް ލިބިދޭ، އަދި މައިންބަފައިންނަށް އޭގެ އުފާވެރިކަން ގެނެސްދޭނެ ބައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ
Ads by MACL
