ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ރަސްމާލެއާ ގުޅޭގޮތުން ޙަޤީޤަތް އޮޅުވާލަނީ އިޚްލާޞްތެރި ނިޔަތެއްގައެއް ނޫން!" – ރައީސް

ދިވެހިންގެ ގެދޮރުވެރިކަމުގެ ހުވަފެންތަކުގައި ކުލަޖައްސައިދޭ، ޒަމާނީ އީކޯ-ސިޓީ "ރަސްމާލެ" ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރެއް
ދިވެހިންގެ ގެދޮރުވެރިކަމުގެ ހުވަފެންތަކުގައި ކުލަޖައްސައިދޭ، ޒަމާނީ އީކޯ-ސިޓީ "ރަސްމާލެ" ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރެއް

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި، ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަކީ އިޚްލާޞްތެރި ނިޔަތެއްގައި ކުރާ ކަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގެދޮރުވެރިކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަސްމާލެއާ ގުޅޭގޮތުން ޙަޤީޤަތް އޮޅޭގޮތަށް ވާހަކަދެއްކުމަކީ އިދިކޮޅު ފަރާތްތަކުން ފަސޭހަކަމާއެކު ކުރާ ކަމެއް ނަމަވެސް، އެފަދަ ވާހަކަތައް ދިވެހި ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ގެދޮރުވެރިކުރުމަށް ބަޖެޓުގެ ބޮޑު އިންސައްތައެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އަންނަ އަހަރަކީ ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ޤަބޫލުކުރާ ހަމަތަކާ ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ ކަމަށެވެ. ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ދޭނީ ހަމައެކަނި ދިވެހިން ޤަބޫލުކުރާ އުޞޫލުތަކަށް އިޙްތިރާމްކުރާ ފަރާތްތަކަށް ކަމަށާއި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނޭ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާބާދީގެ ނިސްބަތަށާއި ދިރިއުޅޭ ސަރަޙައްދަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އެއް ފެންވަރެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.

މިގޮތުން ކޮންމެ ރަށެއްގައިވެސް ފެނާއި ނަރުދަމާ، ބޭންކިންގ ޚިދުމަތް، ފުލުހުންގެ ޚިދުމަތް އަދި ކުނި މެނޭޖްކުރާ ނިޒާމު ފަދަ އަސާސީ ޚިދުމަތްތައް ޤާއިމްކުރެވޭނޭ ކަމަށާއި، އާބަން ސެންޓަރުތަކާއި އިންޓަގްރޭޓެޑް ޒޯންތައް ޤާއިމްކޮށް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫޢުތަކަށް ދައުލަތުން ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ނޫންކަމަށާއި، އެއީ ދެމެހެއްޓެނިވި ވިސްނުންފުޅެއްގައި ކުރައްވާ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.