ވޭޕް މަނާ ނުކުރިނަމަ ޤުރުއާން ކްލާހަށް ދާ ތުއްތު ކުއްޖާވެސް ވެއްޓުނީހީ ނުބައި މަގަކަށް: ރައީސް
ވޭޕް މަނާކުރުމާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަޢާރަފު ނުކުރިނަމަ، ސްކޫލްތަކަށާއި ޤުރުއާން ކްލާސްތަކަށް ދާ އެންމެ ތުއްތު ކުއްޖާވެސް ވެއްޓިގެން ދިޔައީހީ ނުބައި މަގަކަށް ކަމަށާއި، މުޅި ދިވެހިރާއްޖެ އޮންނާނީ ބިރުވެރި ޙާލަތަކަށް ގޮސްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރަން ނުފަށާ ޒުވާން ޖީލު އެ ވަބާއިން ދުރުން ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރެއްވީ އާންމުންގެ ތެރެއިން ބަޔަކު އެކަމާ ނުރުހުނު ނަމަވެސް ޤައުމުގެ މުސްތަޤުބަލަށްޓަކައި ކަމަށެވެ.
ޒުވާނުންގެ ދުޅަހެޔޮކަމާއި ސަރުކާރުން ގެންގުޅުއްވާ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ޤައުމަށްޓަކައި އާންމުން ނުރުހޭ ފަދަ "އަންޕޮޕިއުލާ" ނިންމުންތައް ނެންގެވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ބޭފުޅެއް ކަމަށެވެ. އެގޮތުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ރިޒޯޓު އިންޑަސްޓްރީގެ ބޮޑުން ވާހަކަދައްކައި، އެކަމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ މަޝްވަރާ ދީފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ނަމަވެސް ވޭޕް މަނާކުރުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުން ފަދަ ނިންމުންތަކަކީ ވަގުތީ ގޮތުން ބައެއް ފަރާތްތަކަށް ޕޮޕިއުލާ ނިންމުންތަކަކަށް ނުވިޔަސް، އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ނިންމުންތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
Ads by BMLދުންފަތާއި ވޭޕް މަނާކުރުމުގައި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާ ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެހެން ބޮޑެތި ޤައުމުތަކުން މިފަދަ ފިޔަވަޅުތައް އަޅަން ފަސްޖެހިފައިވާއިރު، މިހާރު އެ ޤައުމުތަކުންވެސް ރާއްޖެ މިސާލަކަށް ބަލައިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށް ވިޔަސް، ދިވެހިންގެ ހިތް މާ ބޮޑު ކަމަށާއި ޤައުމުދެކެވާ ލޯތްބާއި އިޚުލާޞްތެރިކަން މާ ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
