މަހާޖައްރާފަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް މާޗު މަހު ރާއްޖެ ގެންނެވޭނެ: ރައީސް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި، މިހާރު ބޭނުންކުރާ މަހާޖައްރާފަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ގަނެފައިވާ ކަމަށާއި އެ އުޅަނދު އަންނަ އަހަރުގެ މާޗު މަހު ރާއްޖެ ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އާ ޑްރެޖަރު ގަތުމަށް ދައްކަންޖެހޭ ފައިސާ މިހާރު އެއްކޮށް ދައްކާ ނިންމާފައިވާ ކަމަށެވެ.
މި އުޅަނދު ރާއްޖެ ގެނެވުމާއެކު، އެކި ސަބަބުތަކާ ހުރެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވާ ރަށްރަށުގެ މަޝްރޫއުތައް ވަގުތުން ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
Ads by BMLބިން ހިއްކުމަށް ވައުދުވެފައިވާ ބައެއް ރަށްރަށުގެ މަސައްކަތް ނުފެށި އޮތުމުން ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވައި، އެ މަސައްކަތްތައް މަޑުޖެހިފައި އޮތީ އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ހުރިހާ ރަށެއްގެ ބިން ހިއްކައި ނިންމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުގެ އެންމެ ގިނަ އުމްރާނީ މަޝްރޫއުތައް ހިންގާ ކުންފުނީގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބޮޑުހިލަ އެތެރެކުރުމުގެ ކެޕޭސިޓީ ބޮޑުކޮށް އެކަމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގެ މަގުވެސް އެމްޓީސީސީއަށް ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބަދަލާއެކު އެމްޓީސީސީން މިހާރު ބަލްކުކޮށް ބޮޑުހިލަ ގެންނަން ފަށާފައިވާއިރު، ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައްވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Ads by MACL
