"މީހުން ކިޔާ ނަންތަކަކަށް ފަރުވާލެއް ނެތް؛ ޤައުމުގެ ޙައްޤުގައި ކޮންމެ ފިޔަވަޅެއްވެސް އަޅާނަން" – ރައީސް މުޢިއްޒު
ޢާންމުންގެ ފާޑުކިޔުންތަކާއެކު އެމަނިކުފާނަށް އެކި ފަރާތްތަކުން ދޭ ލޭބަލްތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާއެކު ކުރިއަށް ވަޑައިގަންނަވާނީ "ޤައުމު އިސްކުރުމުގެ" އުޞޫލުގެ ދަށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުންތަކާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއި ފިއްތުންތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމެވުމުން، އެ ނިންމުމުގެ ސަބަބުން ގިނަ ވިޔަފާރިތައް ބަނގުރޫޓުވެ، އެމަނިކުފާނަށް ވޯޓު ގެއްލޭނެކަމުގެ ގިނަ އިންޒާރުތަކެއް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ. ހަމައެފަދައިން، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ނިންމެވުމުންވެސް، އިސްރާއީލުގެ އިންވެސްޓަރުންނާއި އޮޕަރޭޓަރުން ތިބުމާއެކު އެ ފިޔަވަޅުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ހަލާކުވެގެންދާނެކަމުގެ އިންޒާރު އެ ދާއިރާގެ އިސް ބައެއް ފަރާތްތަކުން ދެއްވިކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެފަދަ ހުރިހާ ފިއްތުންތަކާއެކުވެސް، ޤައުމުގެ މަޞްލަޙަތުގައި ޢާންމުންގެ މެދުގައި "މަޤްބޫލު ނޫން" ނިންމެވުންތައް ނިންމަވަން ކެރިވަޑައިގަންނަވާ ވެރިއަކަށް ވެވަޑައިގެންނެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLމީގެ އިތުރުން، ވޭޕް މަނާކުރުމާއި ވަކި އަހަރަކަށްފަހު އުފަންވާ ޖީލުތަކަށް ދުންފަތް މަނާކުރާ "ޖެނެރޭޝަނަލް ބޭން" ތަޢާރަފުކުރެއްވީ ކުޑަކުދިން ނުރައްކާތެރި މާޙައުލުތަކުން ރައްކާތެރިކޮށް، ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ފިޔަވަޅުތަކަށް ފުރަތަމަ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ދިވެހިރާއްޖޭގެ މި މިސާލު ބަލައިގަނެ، އެ ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޙަޤީޤަތުގައި މީހުން އަޅުގަނޑަށް ކޮންމެ ނަމެއް ކިޔަސް އަޅުގަނޑު ފަރުވާލެއް ނުބަހައްޓަން. އަޅުގަނޑަކީ މީހުން އަޅުގަނޑަށް ދޭ ލޭބަލްތަކާ މެދު މާބޮޑަށް ވިސްނާ މީހެއް ނޫން. 'ޤައުމު އިސްކުރާ' ލޭބަލާއެކު ކުރިއަށް ދެވޭހާ ހިނދަކު އަޅުގަނޑަށް އެވަރުން ފުދޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދޮށީ އުމުރުގެ ރައްޔިތަކު ދެއްވި ނަޞޭޙަތެއް ހަނދުމަފުޅު އާކުރައްވަމުން ރައީސް ވިދާޅުވީ، ރަނގަޅު ނިންމުންތަކަށް ފުރަތަމަ ދެކޮޅުހެދުމާއި ފާޑުކިޔުންތައް ކުރިމަތިވި ނަމަވެސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެނި ޝުކުރުވެރިވާނެ ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ ބައެއް ސިޔާސަތުތަކާ މެދު ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، އަންނަން އޮތް ޖީލުތަކަށް މި ނިންމެވުންތަކުގެ ފުރިހަމަ ފައިދާ ކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.
Ads by MACL
