ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތާރީޚީ ރެއަކަށް ތައްޔާރުވޭ! ބޮލީވުޑްގެ ރަސްގެފާނު ކުމާރު ސާނޫ އަލަތަށް ރާއްޖޭގެ ސްޓޭޖަށް



އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ރާއްޖޭގައި ބާއްވާ 'ޖުނޫން ލައިވް އިން ކޮންސަރޓް' ގެ އިންތިޒާމުކުރާ ބްރޭންޑް ޖުނޫންގެ ޑިރެކްޓަރު ސައީދު އަދުނާން ހުސައިން: މި ކޮންސަރޓް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ---- ފޮޓޯ: ސަން
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ރާއްޖޭގައި ބާއްވާ 'ޖުނޫން ލައިވް އިން ކޮންސަރޓް' ގެ އިންތިޒާމުކުރާ ބްރޭންޑް ޖުނޫންގެ ޑިރެކްޓަރު ސައީދު އަދުނާން ހުސައިން: މި ކޮންސަރޓް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ---- ފޮޓޯ: ސަން

ޚަބަރު:

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ޕާފޯމްކުރާ "ކުމާރު ސާނޫސް ޖުނޫން ލައިވް އިން ކޮންސަރޓް މޯލްޑިވްސް" އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:00 ގައެވެ. މިއީ 1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަންޒަމާނުގައި ރަސްކަންކުރި ކުޅަދާނަ ފަންނާނުގެ ހިތްގައިމު ރާގުތައް ދިވެހި ބެލުންތެރިންނަށް ލައިވްކޮށް ތަޖުރިބާކޮށްލުމަށް ލިބޭ ތާރީޚީ ފުރުޞަތެކެވެ.

މި ކޮންސަރޓާ ގުޅޭގޮތުން "ސީ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން، ޝޯ އިންތިޒާމުކުރާ ބްރޭންޑް ޖުނޫންގެ ބާނީ އަދި ޑިރެކްޓަރު ސައީދު އަދުނާން ހުސައިން ވިދާޅުވީ، "ޖުނޫން" އަކީ ހަމައެކަނި އާދައިގެ ކޮންސަރޓެއް ނޫން ކަމަށާއި، މިއީ ދުނިޔޭގެ ފެންވަރުގެ ލައިވް ޕްރޮޑަކްޝަނަކާއެކު 90 ގެ އަހަރުތަކުގެ ޖާދޫ ދިވެހި އުޑުދަށުގައި ދައްކުވައިދޭނެ ތާރީޚީ މިއުޒިކީ އީދެއް ކަމަށެވެ. އަދި މިއީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސަގާފީ ގުޅުމާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ބަދަހިކޮށްދޭނެ ހަރަކާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަލެފް އެންޓަޓެއިންމަންޓާއި ރާއްޖޭގެ "އޮފިޝަލް އިވެންޓްސް" ގުޅިގެން އިންތިޒާމުކުރާ މި ކޮންސަރޓުގައި، ކުމާރު ސާނޫގެ ލައިވް އަޑާއި ފުރިހަމަ އޯކެސްޓްރަލް ބޭންޑެއްގެ އިތުރުން، ޒަމާނީ ސްޓޭޖް ޑިޒައިނަކާއި ބޮޑެތި އެލްއީޑީ ސްކްރީންތަކާއި މަތީ ފެންވަރުގެ ސައުންޑް ސިސްޓަމް ބޭނުންކުރާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުން ވީއައިޕީ މެހެމާނުންނަށް ރެޑް-ކާޕެޓް މެހެމާންދާރީއާއެކު ކުމާރު ސާނޫއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ޚާއްޞަ "މީޓް އެންޑް ގްރީޓް" ފުރުޞަތުތައްވެސް ވަނީ ހަމަޖެހިފައެވެ.

1990 ވަނަ އަހަރު ނުކުތް "އާޝިޤީ" ފިލްމުގެ ލަވަތަކާއެކު މަޝްހޫރުކަން ހޯދި ކުމާރު ސާނޫ ވަނީ ވިދިވިދިގެން ފަސް އަހަރު ފިލްމްފެއަރ އެވޯޑް ހާސިލުކޮށް، އެއް ދުވަހެއްގެ ތެރޭގައި 28 ލަވަ ރެކޯޑްކޮށްގެން ގިނިސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގަ ހޯދާފައެވެ. އަދި 2009 ވަނަ އަހަރު އިންޑިއާ ސަރުކާރުން ދޭ ޝަރަފުވެރި ޕަދްމާ ޝްރީ އެވޯޑްވެސް އޭނާއަށް ވަނީ ލިބިފައެވެ.

މި ކޮންސަރޓްގެ ޓިކެޓްތައް ވީއައިޕީ އަދި ޖެނެރަލް ކެޓަގަރީން ރަސްމީ ބުކިންގ ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ. މި އިވެންޓްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.