ޑަބްލިއުއެޗްއޯގެ ސަރަޙައްދީ ވެރިޔާގެ މަޤާމަށް ޑރ. ޖަމްޝީދު ކުރިމަތިލައްވައިފި
ފނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް، ދިވެހިރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަޙްމަދު ޖަމްޝީދު މުޙައްމަދުގެ ނަންފުޅު ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން ހާމަކުރެއްވި ގޮތުގައި، މި ސަރަޙައްދުގެ 10 ޤައުމު ހިމެނޭ އެންމެ އިސް މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މި ހިނގާ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ޞިއްޙީ ދާއިރާއާއި ބައިނަލްއަޤްވާމީ ޞިއްޙީ ޑިޕްލޮމެސީގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. ޖަމްޝީދު ވަނީ، ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ޑަބްލިއުއެޗްއޯގެ އިސް މަޤާމުތަކެއް އަދާކުރައްވާފައެވެ.
2024 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޑަބްލިއުއެޗްއޯއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަޤާމުގައި ހުންނެވި ޑރ. ޖަމްޝީދު، މީގެ ކުރިން ވަނީ ޑަބްލިއުއެޗްއޯގެ ނޯތު ކޮރެއާގެ މަންދޫބުކަމާއި، ބަންގްލަދޭޝްގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވްކަމުގެ އިތުރުން އެ ޖަމުޢިއްޔާގެ ސަރަޙައްދީ އޮފީހުގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.
Ads by BMLޤައުމީ ފެންވަރުގައި ޑރ. ޖަމްޝީދު ކުރެއްވި ޚިދުމަތްތަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެން 2013 ވަނަ އަހަރާ ހަމައަށް އެ މަޤާމު އަދާކުރެއްވިއެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ، އޭރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ރިޔާސީ ދައުރު ހަމަވާން އެންމެ ދިހަ ދުވަހަށް ވެފައިވަނިކޮށް، ނިއު ދިއްލީގައި ހުންނަ އދ. ގެ އޮފީހަކުން ވަޒީފާގެ ފުރުޞަތެއް ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
މީގެއިތުރުން، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ޑރ. ޖަމްޝީދަކީ އިންޑިއާއިން މެޑިސިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ހާސިލުކުރެއްވުމަށްފަހު، އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން މާސްޓަރ އޮފް ޕަބްލިކް ހެލްތު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
މި މަޤާމަށް ރާއްޖޭގެ އިތުރުން ސަރަޙައްދީ އެހެން ތިން ޤައުމަކުން ވަނީ ކެންޑިޑޭޓުން ހުށަހަޅާފައެވެ. އެއީ:
• ބޫޓާން: ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް
• ނޭޕާލް: ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ
• ސްރީލަންކާ: ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ
މި މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުން އޮންނާނީ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ މެންބަރު ޤައުމުތަކުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. މިއީ ބައިނަލްއަޤްވާމީ ޞިއްޙީ ދާއިރާގެ މިފަދަ އިސް މަޤާމަކަށް ދިވެހި ބޭފުޅަކު ވާދަކުރައްވާ ތާރީޚީ ފުރުޞަތެކެވެ.
Ads by MACL
