ރާއްޖޭގެ 42 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ލިޓަސްއާ ހަވާލުކޮށްފި
ރާއްޖޭގެ 42 ރަށެއްގައި ޒަމާނީ ފެންވަރުގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫޢު، ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން ވަނީ ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ މަރުކަޒުތަކަށް ކޮންމެހެން ބޭނުންވާ އެންމެހައި މެޝިނަރީޒާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.
Ads by BMLތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ޙައްލެއް ހޯދައިދިނުމެވެ. ހަމައެއާއެކު، ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބޭނުމެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by MACL
